ގުޅި ވަޑައިގަތީ މީޑިއާގެ މިނިވަންކަމުގެ ދިފާއުގައި: ތިން ރައީސުން

ގުޅި ވަޑައިގަތީ މީޑިއާގެ މިނިވަންކަމުގެ ދިފާއުގައި: ތިން ރައީސުން

Author
އަހުމަދު
15 މެއި 2026 10:22
0

މީޑިއާގެ މިނިވަންކަން ހަނިކޮށް، ސަރުކާރުން ހުދުމުހުތާރު މަގަކަށް މިސްރާބު ޖަހާފައިވާކަމަށް ބުނެ، ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ރައީސް އަބްދުﷲ ޔާމީން ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފިއެވެ.

ސިޔާސީ ގޮތުން ހުރި ބޮޑެތި ހިޔާލުތަފާތުވުންތައް އެއްފަރާތް ކުރެއްވުމަށްފަހު، މި ތިން ބޭފުޅުން ގުޅިވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ގައުމީ މަސްލަހަތު އިސްކޮށް މި ފިޔަވަޅު އަޅަންޖެހުނީ ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ، ޝަރުއީ ނިޒާމުގެ ތެރެއިން މީޑިއާތަކަށް ހުރަސްއަޅަމުންދާކަން ފާހަގަކުރައްވައި، ހައްޔަރުކޮށްފައިވާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށާއި ނެރެފައިވާ ގެގް އޯޑަރުތައް ބާތިލުކުރުމަށް ސަރުކާރަށާއި އިންސާފުގެ ދާއިރާއަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ރައްޔިތުން ބާރުވެރިކުރުވައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ އެންމެ މުހިންމު ބާރަކީ ނޫސްވެރިންނެވެ.

ގައުމުގެ ހާލަތު އޮތްގޮތުން އިސްވެ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ހަމަޔަކަށް އެޅުވުމަށް ފެށި މި ހަރަކާތްތައް، އެދެވޭ ނަތީޖާއެއް ހާސިލުވަންދެން ދޫނުދެއްވައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.