’އަދަދު' ނޫހުގެ ނޫސްވެރިން މިނިވަންކުރުމަށް ތިން ރައީސުން ގޮވާލައްވައިފި

’އަދަދު' ނޫހުގެ ނޫސްވެރިން މިނިވަންކުރުމަށް ތިން ރައީސުން ގޮވާލައްވައިފި

Author
އަހުމަދު
15 މެއި 2026 09:58
0

ޖަލަށްލާފައިވާ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ވަގުތުން ދޫކޮށްލައި، އެ ފަރާތްތަކުގެ މައްޗަށް ހިންގާ ޝަރީއަތްތައް ހުއްޓާލުމަށް ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް ޢަބްދުﷲ ޔާމީން ސަރުކާރަށް ގޮވާލައްވައިފިއެވެ.

މި ތިން ބޭފުޅުން މިކަމަށް ގޮވާލެއްވީ ގައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިއީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މި ތިން ބޭފުޅުން ގުޅިވަޑައިގެން ކުރައްވާ މަސައްކަތުގެ ތެރެއިން ސަރުކާރަށް ހުށަހެޅުއްވި ފުރަތަމަ ޑިމާންޑެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ، މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ނޫސްވެރިންނަށް އަމާޒުކޮށް ނެރެފައިވާ 'ގެގް އޯޑަރ' އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އެ އަމުރުގެ ދަށުން މިހާރު ވެސް ދެ ނޫސްވެރިއަކު ޖަލަށްލާފައިވާއިރު، އިތުރު ދެ ނޫސްވެރިއެއްގެ ޝަރީއަތް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ 20 އަހަރު ސިޔާސީ މައިދާނުގައި ހޭދަކުރެއްވި ބޭފުޅުންގެ ހައިސިއްޔަތުން، ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމަކީ އެ ބޭފުޅުންގެ ކޮނޑުފުޅުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙު ވިދާޅުވީ، ގައުމުގެ މިސްރާބު މިހާރު ހުރީ ހީކުރި ވަރަށް ވުރެ ވެސް ގޯސްކޮށް ކަމަށެވެ. އެހެންކަމުން، ގައުމު މި އޮތް ހާލަތުން ސަލާމަތް ކުރުމަށްޓަކައި އިސްނަންގަވައިގެން ތިން ރައީސުން އެކީގައި ނުކުންނަވަން މަޖުބޫރުވެވަޑައިގަތީ ކަމަށާއި، މިއީ މިއަދު ކޮންމެ ރައްޔިތަކު ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.