ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޢަބްދުﷲ ޔާމީނާއި، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެއްތަންވެވަޑައިގަންނަވާ ޚާއްޞަ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މިކަން ރައީސް ޔާމީންގެ ޕާޓީ، ޕީއެންއެފް އިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ބައްދަލުވުން އޮންނާނެ ވަގުތަކާއި ތަނެއް ފަދަ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިއީ ސަރުކާރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށް ރައީސް ނަޝީދާއި ރައީސް ޞާލިޙާއެކު މަޝްވަރާކުރައްވަން ތައްޔާރަށް ހުންނެވިކަން ރައީސް ޔާމީން ދާދިފަހުން ހާމަކުރައްވާފައި ވަނިކޮށް ބާއްވާ ބައްދަލުވުމެކެވެ. އެމްޑީޕީގެ ކުރީގެ ދެ ރައީސުންގެ މެދުގައި ސިޔާސީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، މި މަސައްކަތުގައި އެ ދެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް، އަދި މިހާތަނަށް ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ފަރާތްޕުޅުން މިކަމާ ގުޅޭ ރަސްމީ ބަހެއް ވިދާޅުވެފައެއް ނުވެއެވެ.
ސިޔާސީ ގޮތުން ބޮޑެތި ވާދަވެރިންގެ ގޮތުގައި ފާހަގަކުރެވިފައިވާ މި ތިން ބޭފުޅުން އެކުގައި ބައްދަލުކުރެއްވުން ވެގެންދާނީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ފެންނާނެ ވަރަށް އާދަޔާޚިލާފު މަންޒަރަކަށެވެ. މިއީ ގިނަ އަހަރުތަކަކަށްފަހު މި ތިން ބޭފުޅުން އެއްތަންވާ ފުރަތަމަ ފަހަރެވެ. މާޒީއަށް ބަލާއިރު، މިކޮންމެ ބޭފުޅެއްގެ ވެރިކަމުގައިވެސް އަނެއް ބޭފުޅަކު ވަނީ ހައްޔަރުކޮށް ޖަލަށްލާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް ޔާމީން އާރަށުގައި ބަންދުކުރިއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދުގެ މައްޗަށް 12 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ޖަލުގައި ބަންދުކުރިއެވެ. އަދި ރައީސް ޞާލިޙްގެ ވެރިކަމުގެ ބޮޑުބައި ރައީސް ޔާމީން ހޭދަކުރެއްވީވެސް ޖަލު ބަންދުގައެވެ.
ކޮމެންޓު ފޮނުވާ