ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަ ބަންދުކުރުމުގެ އަމުރާ، ކުރީގެ ރައީސުންނާއި އާންމުން ހިލާފުވަމުންދާއިރު ފިޔަވަޅު ނާޅާތީ ކުރި ސުވާލަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ސީދާ ޖަވާބެއް ނުދެއްވައިފި އެވެ.
މި އަމުރުގައި ދެއްކުން މަނާކޮށްފައިވާ ވާހަކަތައް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ޖަލްސާތަކާއި ސޯޝަލް މީޑިއާގައި ފާޅުގައި ދައްކަވަމުންނެވެ. އަދި މި އަމުރާ ހިލާފުވުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާއިރު، ގިނަ އަދަދެއްގެ އާންމުން ވެސް އަންނަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މިކަމުގައި ބައިވެރިވަމުންނެވެ. އެހެންނަމަވެސް، މި އަމުރާ ހިލާފުވިކަމަށް ބުނެ މިހާތަނަށް ފިޔަވަޅު އަޅައި ޖަލަށްލާފައިވަނީ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އަދި ލީވާން އަލީ ނާސިރު އެކަންޏެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިހާ ފުޅާ ދާއިރާއެއްގައި ނެރެފައިވާ އަމުރެއް ތަންފީޒުކުރެވޭނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ތަރުޖަމާނު މުންދު ވިދާޅުވީ، އެއީ ޖުޑިޝަރީން ނެރެފައިވާ އަމުރަކަށްވާތީ އެ އަމުރު ތަންފީޒުކުރެވޭތޯ ސަރުކާރުން ބައްލަވާނެ ކަމަށެވެ. އަދި އަމުރުގެ ސަބަބުން އޮޅުންއަރާނަމަ ނުވަތަ ދެއްކޭނީ ކޮން ވާހަކައެއްކަން ސާފުނުވާނަމަ، އެކަން ސާފުކުރަންޖެހޭނީ ސަރުކާރަކުން ނޫން ކަމަށާއި، އެއީ ޝަރުއީ ދާއިރާއިން ސާފުކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން މަތީ މަރުހަލާގެ ކޯޓުތައް މެދުވެރިކޮށް އަމުރު ބާތިލުކުރުމަށް މަސައްކަތްކުރުމުގެ ފުރުސަތު އޮންނާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި އަމުރަކީ މާ ފުޅާކޮށް ނެރެފައިވާ އަމުރެއްކަމަށް ބުނެ ގާނޫނީ ވަކީލުންނާއި އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިހާރު ވަނީ މި އަމުރު ބާތިލްކޮށްދިނުމަށް އެދި ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި ހައިކޯޓުން ގޮތެއް ނިންމަންދެން އެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.
ކޮމެންޓު ފޮނުވާ