އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރަސްމީ މޮޓޯކޭޑުގައި ބޭނުންކުރާ ކާރުތަކުގެ އަދަދު މަދުކުރައްވައި، މޮޓޯކޭޑު ވަރަށް ބޮޑަށް ކުޑަކުރައްވައިފިއެވެ.
ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ބޮޑުވަޒީރުގެ މި ނިންމެވުމަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ޚަރަދު ކުޑަކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ. ޚާއްސަކޮށް އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލި، އިންޑިއާގެ ބޭރު ފައިސާގެ ރިޒާވަށް ވަނީ އޭގެ ބޮޑު ބުރައެއް އުފުލަން ޖެހިފައެވެ.
މީގެ ކުރިން ބޮޑުވަޒީރުގެ މޮޓޯކޭޑުގައި 12 އުޅަނދު ބޭނުންކުރެއްވި ނަމަވެސް، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން މިހާރު ފެންނަނީ އެންމެ ދެ އުޅަނދު ހިމެނޭ މޮޓޯކޭޑެކެވެ. މީގެ އިތުރުން، އައު ކާރުތައް ގަތުމުގެ ބަދަލުގައި ސަރުކާރުގައި މިހާރު ހުރި އިލެކްޓްރިކް އުޅަނދުތައް މޮޓޯކޭޑުގައި ބޭނުންކުރެއްވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް މޯދީ ވަނީ އަންގަވާފައެވެ. ނަމަވެސް މި ބަދަލުތަކާ ގުޅޭގޮތުން ބޮޑުވަޒީރުގެ އޮފީހުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާއިރު، މޯދީ ވަނީ އާންމު ރައްޔިތުންވެސް އިގުތިސާދުކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު އެމަނިކުފާނު ވަނީ، ބޭރު ޤައުމުތަކަށް ކުރާ ދަތުރުތައް މަދުކުރުމަށާއި، އަމިއްލަ އުޅަނދުތަކުގެ ބަދަލުގައި އާންމު ދަތުރުފަތުރުގެ ނިޒާމު އިޚުތިޔާރުކުރުމަށާއި، ރަނާއި ކައްކާތެޔޮ ގަންނަ މިންވަރު މަދުކުރުމަށް ރައްޔިތުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.
ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އިންޑިއާއަކީ މެދުއިރުމަތީގެ ހޮރްމޫޒް ކަނޑުއޮޅިއަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމަކަށް ވުމާއެކު، އެ ސަރަހައްދުގެ މަސްރަހު ގޯސްވުމަކީ އިންޑިއާގެ އިގުތިސާދަށް އޭގެ ސީދާ އަސަރުކުރާނެ ކަމެކެވެ.
ކޮމެންޓު ފޮނުވާ