ވެރިކަންކުރާ ޕީއެންސީގެ ގިނަ މެންބަރުންތަކެއް ހާޒިރުނުވުމުގެ ސަބަބުން ކޯރަމް ގެއްލި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއާއި މުހިންމު ދެ ކޮމިޓީއެއްގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު ބާއްވަން ތާވަލުކުރި ޖަލްސާއަށް ވަޑައިގަތީ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމާއި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހަ މެންބަރުން އެކަންޏެވެ. މަޖިލީހުގެ ޖަލްސާއެއް ފެށުމަށް މަދުވެގެން 23 މެންބަރުން ތަޅުމުގައި ތިއްބަވަން ޖެހޭއިރު، އެ އަދަދަށް މެންބަރުން ހަމަނުވުމުން ހެނދުނު 10:00 އާ ހަމައަށް މަޑުކުރުމަށްފަހު ޖަލްސާ ވަނީ މާދަމާއަށް ފަސްކޮށްފައެވެ.
ޖަލްސާގެ އިތުރުން، މަޖިލީހުގެ އެންމެ މުހިންމު މަސައްކަތްތަކެއް ކުރާ ދެ ކޮމިޓީއެއްގެ ބައްދަލުވުން ވެސް މިއަދު ވަނީ ކެންސަލްކޮށްފައެވެ. އެގޮތުން ހެނދުނު 10:30 އަށް ތާވަލުކުރި ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީއާއި، 11:15 އަށް ތާވަލުކުރި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
މި ހިނގާ ދައުރުގައި އިއްޔެއާ ހަމައަށް ޖުމްލަ 18 ޖަލްސާއެއް ބާއްވާފައިވާއިރު، މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މާދަމާ ބާއްވާ ޖަލްސާއަކީ މި ދައުރުގެ އެންމެ ފަހު ޖަލްސާއެވެ. މާދަމާގެ ޖަލްސާއަށްފަހު މެންބަރުން ދައުރު ނިމުމުގެ ޗުއްޓީއަށް ވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ