ކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށާ ގަޑި ފަސްކޮށްފި

ކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށާ ގަޑި ފަސްކޮށްފި

Author
އަހުމަދު
13 މެއި 2026 09:45
0

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން ހާޒިރުވެފައި ނުވާތީ، ޖަލްސާ ފަށާ ގަޑި ހެނދުނު 10:00 އަށް ފަސްކޮށްފިއެވެ.

އާންމު ގޮތެއްގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ގައި މަޖިލީހުގެ ޖަލްސާތައް ފަށަން ތާވަލުކުރި ނަމަވެސް، މިއަދު ގަޑިން 9:10 ވީއިރުވެސް ކޯރަމް ހަމަވެފައެއް ނުވެއެވެ. އެހެންކަމުން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަނީ، ކޯރަމް ރަނގަބީލު ޖެހުމަށްފަހުވެސް މެންބަރުން ހަމަނުވުމުން ޖަލްސާ ފެށުން 10 ޖަހާއިރަށް ފަސްކުރައްވާފައިވާކަން އިއުލާނުކުރައްވާފައެވެ. މަޖިލީހުގެ ގަވައިދު ބުނާގޮތުން ޖަލްސާއެއް ފެށޭނީ މެންބަރުންގެ 25 އިންސައްތަ ހާޒިރުވެގެންނެވެ. އެއީ 93 މެންބަރުން ތިއްބަވާ 20 ވަނަ މަޖިލީހުގެ ނިސްބަތުން ބަލާނަމަ މަދުވެގެން 23 މެންބަރުންނެވެ.

މިއަދުގެ ޖަލްސާ ފެށުން ލަސްކުރަން ޖެހުނުއިރު، މި ހިނގާ ދައުރުގައި މިހާތަނަށް ބާއްވާފައިވަނީ އެންމެ 18 ޖަލްސާއެވެ. މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން މާދަމާއަކީ މި ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވާ ދުވަހެވެ. އޭގެ ފަހުން މަޖިލިސް ޗުއްޓީއަށް ދާނެއެވެ.

ވެރިކަންކުރާ ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮންނަ މި މަޖިލީހުން މި ދައުރުގައި މާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ. މެންބަރުންނަށް ދައުލަތުގެ ބަޖެޓުން ބޮޑު މުސާރައަކާއި ގިނަ އިނާޔަތްތަކެއް ދެމުން އަންނައިރު، އެ ލިބޭ އުޖޫރައާ އެއްވަރަށް މެންބަރުން މަސައްކަތް ނުކުރާކަމުގެ ޝަކުވާ އާންމުންގެ ތެރޭގައި ވަނީ ވަރަށް ބޮޑުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.