"އަދަދު" ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ގޮންޖައްސަވައި، އެ އަމުރާ ހިލާފުވާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ނުދެއްކޭނެ ކަމަށް ބުނެ ކޯޓުން އަމުރެއް ނެރެފައިވާއިރު، ނަޝީދު ވިދާޅުވީ ގިނަ ބަޔަކު ފާޅުގައި މި އަމުރާ ހިލާފުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭނެ އިހުތިޖާޖެއް ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ އެ ކޯޓު އަމުރާ ހިލާފުވުމަށް ތައްޔާރަށް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ "އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފް ކުރުމުގެ ކުށުގެ ދައުވާ ކުރާ ކަމަށެވެ. މީގެ އިތުރުން، އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް އާންމު ނުކުރުމަށާއި، މުޖުތަމައުގެ ތެރޭގައި އެ ވީޑިއޯ ދައުރު ނުކުރުމަށް ކޯޓުން ވަނީ އަންގާފައެވެ. އަދި މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް ވަނީ އަމުރުކޮށްފައެވެ. މިފަދަ މައްސަލަތަކަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމަށް ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކަކަށް ވުމާއެކު، މައުލޫމާތު ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށްވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޑޮކިއުމެންޓްރީގައި ހިމެނެނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި "އަދަދު" ނޫހުން ދޮގު ވާހަކަ ހިމެނޭ ވީޑިއޯއެއް ހެދުމަށް އިއުތިރާފުވެފައިވާކަން ފާހަގަކުރައްވައި، އެފަދަ ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކާމެދު ދައުވާކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މި މައްސަލައިގެ ތަހުގީގަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކޮށްފައިވާއިރު، އެ ދެ ބޭފުޅުންވެސް ވަނީ ހަނުހުރުމުގެ ހައްގު ބޭނުންކުރައްވާފައެވެ. އަދި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން "އަދަދު" ނޫހުގެ އޮފީސްވެސް ބަލައި ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ