ޑޮކިއުމެންޓްރީގެ ވާހަކަ މަޖިލީހުގައި ދެއްކުން ރިޔާސަތުން މަނާކޮށްފި

ޑޮކިއުމެންޓްރީގެ ވާހަކަ މަޖިލީހުގައި ދެއްކުން ރިޔާސަތުން މަނާކޮށްފި

Author
އަހުމަދު
11 މެއި 2026 06:20
0

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ރައްޔިތުންގެ މަޖިލީހުގައި ދެއްކުން ރިޔާސަތުން މިއަދު މަނާކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަން ހިނގާފައިވަނީ، އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުންދާ މުޒާހަރާތައް ގާނޫނާ ޚިލާފުކަމަށް ބުނެ އެކަން ހުއްޓުވުމަށް ގޮވާލައި ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ދަނިކޮށެވެ. މި ބަހުސްގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވަނީ، ސަރުކާރުން އިދިކޮޅު ޕީއެންއެފްގެ މުޒާހަރާތައް ހުއްޓުވަން މަސައްކަތްކުރަނީ މަގުމަތީގައި ބަޔަކު ވާހަކަތަކެއް ދައްކާތީކަމަށް ވިދާޅުވެފައެވެ.

މީކާއިލް އެ މޭރުމުން ވާހަކަދައްކަވަން ފެށުމާއެކު، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވަނީ ދެ ފަހަރެއްގެ މަތިން ނިޒާމީ ނުކުތާ ނަންގަވައި އެ ވާހަކަތައް ހުއްޓުވުމަށް މަސައްކަތް ކުރައްވާފައެވެ. އެއާއެކު ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަނީ ފަލާޙުގެ ދެވަނަ ނިޒާމީ ނުކުތާ ބަލައިގަނެ، ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ވާތީ އެ ޑޮކިއުމެންޓްރީގެ ވާހަކަ މަޖިލީހުގެ ތަޅުމުގައި ނުދެއްކޭނެކަމަށް އަންގަވާފައެވެ. އަދި އެއީ ކުރީގެ ރިޔާސަތުތަކުންވެސް އަމަލުކޮށްފައިވާ ގޮތްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ މި ނިންމެވުމަށް ރައްދުދެއްވަމުން މީކާއިލް ވިދާޅުވީ، މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަންވީ ގޮތް ކޯޓަކަށް ކަނޑަނޭޅޭނެކަން ގާނޫނުއަސާސީން ސާފުކޮށް ކަށަވަރުކޮށްދީފައި އޮންނަ ކަމަށެވެ.

މަޖިލީހުން މިފަދައިން ނިންމާފައިވާއިރު، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ޑޮކިއުމެންޓްރީ މުޖުތަމައުގައި ދައުރުނުކުރުމަށާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާކޮށް އަދި ނުސީދާކޮށްވެސް ނުދެއްކުމަށް އާންމުކޮށް އެންމެންގެ މައްޗަށް އަމުރެއް ނެރެފައެވެ. ދައުލަތުން އެދިގެން ގާޒީ މުޒައްމިލު ނާސިރު ނެރުއްވި މި އަމުރުގައި، ޝަރީއަތުގެ ލިޔެކިޔުންތަކާއި މައުލޫމާތު ސިއްރުކުރުމަށާއި، އަމުރާ ޚިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލެވޭނެކަމަށްވެސް އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.