ރާއްޖޭގެ މައި ފުޓްސަލް ލީގަކަށް ކްލަބް މޯލްޑިވްސްގެ މުބާރާތްތައް އެފްއޭއެމުން ކަނޑައަޅައިފި

ރާއްޖޭގެ މައި ފުޓްސަލް ލީގަކަށް ކްލަބް މޯލްޑިވްސްގެ މުބާރާތްތައް އެފްއޭއެމުން ކަނޑައަޅައިފި

Author
އަހުމަދު
08 މެއި 2026 10:35
0

ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސްގެ މުބާރާތްތަކަކީ، ރާއްޖޭގެ މައި ފުޓްސަލް ލީގު ނުވަތަ ޕްރީމިއަމް ފުޓްސަލް މުބާރާތުގެ ގޮތުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރަސްމީކޮށް ބަލައިގަނެފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ، ކްލަބް މޯލްޑިވްސްއިން އިންތިޒާމުކުރާ ފިރިހެން އަދި އަންހެން މުބާރާތްތަކަކީ އެފްއޭއެމުން ބަލައިގެންފައިވާ ރަސްމީ މުބާރާތްތަކެއްގެ ގޮތުގައި އެކްސްކޯއިން ފާސްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، މެދުކެނޑުމަކަށްފަހު މިއަހަރު އަލުން ފަށާ އެފްއޭއެމް އެވޯޑްސްގައި އަލަށް ތައާރަފްކުރާ "އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ" ހޮވާނީވެސް ކުރިއަށް އޮތް ކްލަބް މޯލްޑިވްސް މުބާރާތްތަކުގައި ކުޅުންތެރިން ދައްކާ ހުނަރަށް ބިނާކޮށްކަމަށް ތޯރިގް ފާހަގަކުރެއްވިއެވެ.

ފުޓްސަލް އިތުރަށް ފުޅާކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ މުޅިން އަލަށް "އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕް" އެއް ބާއްވަން އިއުލާންކޮށްފައެވެ. މި މުބާރާތުން އެންމެ ކުރި ހޯދާ ވަކި އަދަދެއްގެ ޓީމުތަކަށް، އަންނަ އަހަރުގެ ކްލަބް މޯލްޑިވްސް މުބާރާތުން ނުވަތަ މައި ފުޓްސަލް ލީގުން ޖާގަ ލިބިގެންދާނެއެވެ. ތޯރިގް ވިދާޅުވި ގޮތުގައި، އެފްއޭއެމްގެ އަމާޒަކީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ކްލަބް މޯލްޑިވްސް މުބާރާތް ފުރިހަމަ ލީގު ފޯމެޓަކަށް ބަދަލުކޮށްލުމެވެ.

ކްލަބް މޯލްޑިވްސްގެ ރައީސް މޫސާ ރަމީޒު ވިދާޅުވީ، އެ ކްލަބުގެ އަބަދުވެސް އަމާޒަކީ ރާއްޖޭގެ ފުޓްސަލް ކުރިއެރުވުން ކަމަށާއި، ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނީ އެފްއޭއެމުން ކަނޑައަޅާ ސިޔާސަތުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ. މިއަހަރުގެ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގައި ހަތް ކެޓަގަރީއެއްގެ މުބާރާތް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ކިންގްސް ކަޕް، އެއިޓީން ތާޓީ ކްލެސިކް، ކިޑްސަލް، އެއިޓީން ތާޓީ، ކްލަބް މޯލްޑިވްސް ކަޕް އަދި ސެކްޓާ ލީގު ހިމެނެއެވެ.

މި ބަދަލާއެކު، އެފްއޭއެމުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ފުޓްސަލް މުބާރާތްތަކަށް ބޮޑު ހޭދައެއް ކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕަށް 1.8 މިލިއަން ރުފިޔާ، ފުޓްސަލް ލީގަށް 324,500 ރުފިޔާ އަދި އަންހެނުންގެ ފުޓްސަލް ލީގަށް 245,750 ރުފިޔާ ހަރަދުކުރުމަށް ވަނީ ބަޖެޓުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.