އޭޑީއެޗްޑީއަށް ދޭ މުހިންމު ބޭސް، "މިތައިލްފެނިޑޭޓް" އެތެރެކުރުމުގެ ހުއްދަ ދޭން މަޖިލީހުން ފާސްކޮށްފި

އޭޑީއެޗްޑީއަށް ދޭ މުހިންމު ބޭސް، "މިތައިލްފެނިޑޭޓް" އެތެރެކުރުމުގެ ހުއްދަ ދޭން މަޖިލީހުން ފާސްކޮށްފި

Author
އަހުމަދު
06 މެއި 2026 09:10
0

އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) އަށް ފަރުވާކުރުމަށް ބޭނުންކުރާ އެންމެ އަސާސީ އެއް ބޭސް ކަމަށްވާ 'މިތައިލްފެނިޑޭޓް' ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީއަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފާގެ މަތިން، މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޑޭޓް އުނިކުރުމަށް މިދިޔަ މަހު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް، ކެބިނެޓުގެ ނިންމުމާ އެއްގޮތަށް ގާނޫނުގެ ޖަދުވަލަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ރުހުން ލިބިގެން ކަމަށްވާތީ، އެކަމުގައި ގޮތެއް ނިންމަވައިދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. މިކަމާ ގުޅިގެން 241 ކޮމިޓީގައި މިއަދު މަޝްވަރާކުރުމަށްފަހު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ އެ ބޭސް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެތެރެކުރުމުގެ ހުއްދަ ދިނުމަށް ފާސްކޮށްފައެވެ.

މިތައިލްފެނިޑޭޓަކީ އޭޑީއެޗްޑީގެ ފަސްޓްލައިން ފަރުވާއެއްގެ ގޮތުގައި ބޭނުންކުރުން ސައިންޓިފިކް ގޮތުން އެންމެ ރަނގަޅު ކަމަށް ސާބިތުވެފައިވާ ބޭހެކެވެ. މިހާތަނަށް މި ބޭސް ރާއްޖެއަށް އެތެރެނުކުރެވި އޮތީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ އެއްވަނަ ޖަދުވަލުގައި (އެތެރެކުރުން މަނާ ތަކެތީގެ ލިސްޓުގައި) މި ބޭސް ހިމަނާފައި އޮތުމުންނެވެ. ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ހިމެނެނީ ގާނޫނުގެ ދެވަނަ ޖަދުވަލުގައެވެ. މަނާ ލިސްޓުން މި ބޭސް އުނިކޮށްދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް މިދިޔަ އަހަރު ވަނީ މަޖިލީހުގައި އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.