އެމްޑީޕީގެ އެތެރޭގައި ހުރި މައްސަލަތައް ހައްލުކޮށް، ޕާޓީގެ "ލީކުތައް" ބައްދައި އަލުން ޕާޓީ ބޮޑުކޮށް ރާވާލާނެކަމުގެ ޔަގީންކަން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ދެއްވައިފިއެވެ.
މީކާއީލް މިކަމަށް ވައުދުވެވަޑައިގަތީ އޭނާގެ "އިތުބާރު" ކެމްޕެއިންގެ ދަށުން މައްޗަންގޮޅީގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޕާޓީ ރޫޅުނު ފަހުން އެކި ކަންކަން ލީކުވަމުންދާކަން އާންމު މެމްބަރުންނަށް ފާހަގަކުރެވޭ ކަމަށާއި، މިއަދު އޭނާ ނުކުމެ ހުންނެވީ އެކަންކަން ހުއްޓުވައި ޕާޓީގެ ސަފުތައް އަލުން ބަދަހިކުރުމަށް ކަމަށެވެ. އަދި ޕާޓީ ވަރަށް ފުޅާކޮށް، ބޮޑުކޮށް އަލުން ރާވާލަދެއްވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބުތަކާ ގުޅޭ މައްސަލަތައް ކޯޓަށް ގެންދިއުމާ ދެކޮޅަށް ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އޭނާއަކީ ޕާޓީގެ ތެރޭގައި ހައްލު ހޯދެން އޮއްވައި މަސްލަހަތު ނަގާލައި ކޯޓަށް ދާނެ މީހެއް ނޫން ކަމަށެވެ. މީގެ އިތުރުން އޭނާ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ އެހެން މަގާމަކަށް ދިއުމުގެ ސިޑިއެއްގެ ގޮތުގައި އެ މަގާމު ބޭނުންކުރަން ނޫންކަމަށާއި، ބޭނުންވަނީ ގައުމީ މަޖިލީހުން އައްޔަންކުރާ ވަގުތީ މީހަކަށް ވުމުގެ ބަދަލުގައި، އޭނާއާއެކު ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި އާންމު މެންބަރުންގެ ވޯޓުން އިންތިހާބު ކާމިޔާބުކުރަން ކަމަށްވެސް ވިދާޅުވިއެވެ.
ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް އާންމު މެންބަރުންނަށް ތެދުބަސް ވިދާޅުވާނެ ކަމުގެ ޔަގީންކަންވެސް މީކާއީލް ދެއްވިއެވެ. އެގޮތުން ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ ދަނޑިވަޅުތަކުގައި މެންބަރުންގެ ޖަޒުބާތާ ކުޅެ އޮޅުވާލާނެ މީހަކަށް އޭނާ ނުވާނެ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންގެ ފަރާތުން ފެންނަ ފުށުއަރާ ސިޔާސަތުތަކަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ