ދައުވާ އުފުލީ ފުރިހަމަ ނުވާ ތަޙުގީގެއްގެ މައްޗަށް: އާޒިމާ

ދައުވާ އުފުލީ ފުރިހަމަ ނުވާ ތަޙުގީގެއްގެ މައްޗަށް: އާޒިމާ

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2020 08:36
0

އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ އެތައްބަޔަކު ހިމެނޭ ކަމަކަށް ވާއިރު ހަމައެކަނި އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ފުރިހަމަ ނުވާ ތަހުޤީގެއްގެ މައްޗަށް ބިނާކޮށް ކަމަށް ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ. މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ޢާޒިމާގެ ފަރާތުންވަނީ ދިފާއުގެ ގޮތުގައި ގިނަ ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ.

އާޒިމާއަށް މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިން ކަމުގެ ދައުވާ އުފުލީ، އެކްސްކްރޯ އެކައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަކި ގޮތަކަށް ލިޔުން ހޯއްދަވައި، އެ ލިޔުން މެދުވެރިކޮށް އެކްސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިން ކަމުގެ ތުހުމަތުކޮށެވެ.

އާޒިމާ ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ދައުވާތައް ފުރިހަމައަށް ތަހްގީގު ކޮށްފައިނުވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މި ދެ ދައުވާގައިވެސް އޭނާ އާއި އެއް ހަމައެއްގައި އަމަލު ކޮށްފައިވާ އެއްވެސް މީހަކާ މިހާތަަނަށް އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށާއި އަދި އެމީހުންގެ މައްޗަށް އެއްވެސް ދައުވާއެއްވެސް ކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ބެންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ޚިލާފަށްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިި ނެރުނު ހުކުމުން އެނގެން އޮތް ކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ، އެކަންކަމަށް ބަލާއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ފުރިހަމަނުވާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކަމަށް ދެކޭކަމަށެވެ. އަދި ގިނަ ބަޔަކު ހިމެނޭ ކަމެއްގައި ހަމައެކަނި އޭނާއަށް އަމާޒުކޮށް ދަޢުވާ އުފުލީ ކީއްވެތޯ އާޒިމާ ސުވާލު ކުރެއްވިއެވެ. މީގެ އިތުރުން ބެންކް އޮފް މޯލްޑިވްސްއިން ލިޔުމެއް ހޯދިކަމަށް ދައުލަތުން ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވަމުން އާޒިމާ ވިދާޅުވީ އެލިޔުމަކީ ދަޢުލަތުގެ ފައިސާކަމަށް ބެލެވޭ ފައިސާ އެކްސްކްރޯ އެކައުންޓަށް ޖަމާކުރިކަން ޔަގީން ކުރުމަށް ހޯދި ލިޔުމެއް ކަމަށާ، އެއީ އޭނާކުރި ކުށެއްކަމަށް ގަބޫލުނުކުރައްވާކަމަށެވެ.

އާޒިމާގެ ބައެއް ނުކުތާތަކަށް ދައުލަތުން ރައްދު ވެސް ދިނެވެ. މި ގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ އެމްއެމްޕީއަރުސީގެ ފައިސާ ނޫން ކަމަށް ކަނޑައަޅާފައި ނުވާ ކަމަށާއި އެ ހުކުމުގައި ވަނީ އަށް އެކައުންޓްގައިވާ ފައިސާއާއި އެމްއެމްްޕީއާރުސީގެ ފައިސާ ކަން ދަށު ކޯޓުގައި ކަށަވަރުކޮށްނުދީ އޮތް ކަން އެކަނި ކަމަށެވެ.

މި ދައުވާ ތަކާއި ގުޅިގެން މީގެ ކުރިން އާޒިމާ ވިދާޅުވީ ތިން ސަރުކާރެއްގެ ކެބިނެޓުގައި މަސައްކަތްކޮށް، ބޮޑެތި ޒިންމާތައް އުފުލާފައިވާ އިރު މުއްސަނދި ވާން އެތައް ފުރުސަތުތަކެއް އޭނާއަށް ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ހިޔާނާތުގެ ފައިސާގައި ދުވަހަކު ވެސް ޖެހި ވަޑައިގެންފައި ނުވާނެ ކަމަށާއި އެފަދަ ހަދިޔާތަކާއި އެ ނޫން ވެސް އެއްޗެއްގައި ހިއްޕަވާފައި ވެސް ނުވާނެ ކަމަށެވެ.

މިމައްސަލަ މިހާރު ބައްލަވާ ގާޟީ ޙަސަން ސަޢީދު ޝަރީއަތުގެ މަޖިލިސް ނިންމާލާފައިވަނީ ދަޢުލަތުން ބޭނުންވާ ހުށަހެޅުންތައް ލިއުމުން ހުށަހަޅަން ފުރުސަތު ދެއްވިކަން ޢިއުލާން ކުރައްވަމުނެނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.