ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ކެމްޕޭން ސްޕޯކްސްޕާސަން (ތަރުޖަމާނު) ގެ މަޤާމަށް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ހަމަޖައްސަވައިފިއެވެ.
މިކަން ހާމަކޮށް ޕީއެންސީން މީސްމީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ވަނީ، އެ މަޤާމަށް އޭނާ އައްޔަންކުރައްވާފައިވާކަން ކަށަވަރުކޮށްދީ، ފިރުޒުލްއަށް ވަރަށް ހޫނު މަރުޙަބާއަކާއި ތަހުނިޔާއެއް ކިޔާފައެވެ. ފިރުޒުލް މިހާރު ފުރުއްވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީގެ އިސް މަޤާމެވެ.
މީގެ ކުރިންވެސް ފިރުޒުލް ވަނީ މުވާސަލާތީ އަދި ތަރުޖަމާނެއްގެ މުހިންމު ޒިންމާތަކެއް ފުރިހަމައަށް އަދާކުރައްވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި އިންތިޤާލީ މަރުޙަލާގައި އެމަނިކުފާނުގެ ރަސްމީ ތަރުޖަމާނެއްގެ ގޮތުގައިވެސް މަސައްކަތްކުރެއްވީ ފިރުޒުލްއެވެ. އޭގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ޕީއެންސީގެ ފަރާތުން މައުލޫމާތު ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރައްވައި، ޕާޓީގެ ތަރުޖަމާނެއްގެ ގޮތުގައި އޭނާ ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ