ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އިސްލާމީ އުސޫލުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރާއްޖެއަކީ ނޫސްވެރިންނަށް ފުޅާ ދާއިރާއެއްގައި މިނިވަންކަން އޮތް ގައުމެއް ކަމަށާއި، ކޮރަޕްޝަނާއި އަނިޔާވެރިކަން ހުއްޓުވުމުގައި ނޫސްވެރިންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ސަރުކާރެއްކަން ފާހަގަކުރައްވައި، ރައީސް ސީދާ ނޫސްވެރިންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބުދެއްވުމާއި، މައުލޫމާތު ހާމަކުރުމަށް ވަޒީރުންނަށް ބާރުއަޅުއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، މިހާރު ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގެ ވަގު އެކައުންޓުތައް މެދުވެރިކޮށް ރައީސާއި ވަޒީރުންނާއި އެބޭފުޅުންގެ އާއިލާތަކަށް އަމާޒުކޮށް ފުރައްސާރަކުރަމުންދާކަމީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ރާއްޖޭގައި މީގެ ކުރިން ނުފެންނަ މިންވަރަށް ގޯސްވެފައިވާ ކަމެއްކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، ކަންކަމަށް ފާޑުކިޔުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ޒާތީ ގޮތުން ދިމާކުރުމަކީ އިންސާފަށް ލޯބިކުރާ އެއްވެސް ބަޔަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
މީހުންގެ އަބުރާ ބެހުމާއި، ދޮގު ވާހަކަ ފެތުރުމާއި، ފުރައްސާރަކުރުމަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ނަހީކުރައްވާފައިވާ ކަންކަންކަން ހަނދާންކޮށްދެއްވަމުން، އިންސާނާގެ އެންމެ ބޮޑު ޝަރަފަކީ އޭނާގެ އަބުރުކަމުގައި ޝަހީމް ވިދާޅުވިއެވެ. ނޫސްވެރިކަމުގެ މިނިވަންކަން މީހުންގެ އަބުރަށް އަރައިގަތުމުގެ ހަތިޔާރަކަށް ވެއްޖެނަމަ މުޖުތަމައު ހަލާކުވެދާނެކަމުގެ އިންޒާރު ދެއްވަމުން، ވަޒީރު އެދިވަޑައިގަތީ ގާނޫނާއި އިސްލާމީ ހުދޫދުގެ ތެރޭގައި ތިބެގެން ބިނާކުރަނިވި ފާޑުކިޔުންތައް ކުރިއަށް ގެންދިއުމަށެވެ. އަދި ތެދުވެރިކަމާއެކު މުޖުތަމައުގެ ލާބައަށް މަސައްކަތްކުރާ ނޫސްވެރިންގެ އަގުވަޒަންކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ