ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ "ރަސްމާލެ" މަޝްރޫއަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގަން މަޖުބޫރު މަޝްރޫއެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މާލެ ސަރަހައްދުގައި މިހާރު ހިއްކާފައި ހުރި ބިންތަކުން ޖާގަ ލިބެން އޮތީ ގިނަވެގެން 12،000 ފްލެޓް އިމާރާތް ކުރުމަށެވެ. އެހެންކަމުން، މުސްތަގުބަލަށް ވިސްނާއިރު ރަސްމާލެ މަޝްރޫއާ ނުލައި މާލޭގެ ރައްޔިތުންނަށް އިތުރު ބޯހިޔާވަހިކަމެއް ފޯރުކޮށްދެވެން ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ތަސައްވުރަށް ތާއީދުކުރައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުން ފަށާފައިވާ ގުޅިފަޅާއި ގިރާވަރުފަޅުގެ މަސައްކަތްތަކަށް ރަސްމާލޭގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އެ ތަންތަނުގައިވެސް މީހުންނަށް ދިރިއުޅެވޭނެ އިންތިޒާމު އަވަހަށް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެ މަޝްރޫއުތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު، ފައިސާ ހޯދުމުގެ ދަތިކަން ހުރިނަމަވެސް، ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން އެ މަސައްކަތްތައް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ޖުމްލަ 11،000 ހެކްޓަރުގެ ބިން ހިއްކުމަށް ކަނޑައަޅާފައިވާއިރު، މި ސަރުކާރުން ވަނީ އެތަނުން 25،000 ގޯތި ދޫކުރުމަށް ނިންމާފައެވެ. އަދި އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރުމާ ގުޅޭ ހާއްސަ އުސޫލުތައްވެސް ސަރުކާރުން މިހާރު ވަނީ އާންމުކޮށްފައެވެ.
ކޮމެންޓު ފޮނުވާ