މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 17 އިންސައްތަ ކުރިއަރައި، ޖުމްލަ 205.18 މިލިއަން ޑޮލަރު ލިބިއްޖެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފައިވާ ގޮތުގައި، ޑޮލަރުން ލިބުނު އާމްދަނީ މިހާ ބޮޑަށް އިތުރުވެފައިވަނީ ޓީޖީއެސްޓީ، ކޯޕަރޭޓް އިންކަމް ޓެކްސް އަދި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަން ފައިސާ އިތުރުވުމާ ގުޅިގެންނެވެ. މީގެ އިތުރުން، މި އަހަރުގެ ފެބުރުވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 18.8 އިންސައްތަ އިތުރުވުމަކީވެސް ޓީޖީއެސްޓީ އާއި އެއާޕޯޓް ޓެކްސް ފަދަ އާމްދަނީތައް މައްޗަށް ދިޔުމުގެ މައިގަނޑު އެއް ސަބަބެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވަދެފައިވަނީ ޓޫރިޒަމް ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 114 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ 55.7 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ރިސޯޓު ކުލީގެ ގޮތުގައި 29 މިލިއަން ޑޮލަރު ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 20 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ މާރިޗު މަހު އެކަނިވެސް މީރާއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 4.03 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބޭރު ފައިސާ ނުވަތަ ޑޮލަރުން ލިބުނު އާމްދަނީއެވެ.
ކޮމެންޓު ފޮނުވާ