ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ކާމިޔާބުކުރައްވާ އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ކަށަވަރު ކުރައްވައިފިއެވެ.
މިއަދު ބޭއްވި ޕްރައިމަރީގައި ސިނާންއާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. ސިނާނަށް 226 ވޯޓު ލިބިފައިވާއިރު، ސޮޑާ ހޯދީ 187 ވޯޓެވެ.
ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ، އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ކޯޓު ހުކުމާ އެއްގޮތަށް 2.5 މިލިއަން ރުފިޔާ ނުދެއްކި ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގައެވެ. ދަށު ކޯޓުގެ ހުކުމާ ސިނާން އަމަލުކޮށްފައި ނުވާކަން ސާބިތުވާ ކަމަށް ފަނޑިޔާރު އައިޝާ ޝުޖޫން ހުކުމުގައި ވިދާޅުވެފައިވާއިރު، ހުކުމް ކުރިކަން ނޭނގޭ ކަމަށް ސިނާންގެ ފަރާތުން ދެންނެވިޔަސް، ދުރާލާ އެކަން އަންގާފައިވާ ކަމަށް ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ތިން ބޭފުޅުންގެ ތެރޭގައި ހިމެނެނީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ނިންމަވާފައިވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ އިތުރުން، ވާދަކުރައްވާނެ ހައިސިއްޔަތެއް ހާމަނުކުރައްވާ ތިއްބެވި އަހުމަދު ސައީދު (ނަޔާ) އާއި މުހައްމަދު އަލީ އެވެ.
ކޮމެންޓު ފޮނުވާ