ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 31 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ހިނގާ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 758،753 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މީގެ ތެރެއިން 15 ޕަސެންޓް ހިއްސާކުރާ ޗައިނާއިން 111،380 މީހުން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 84،845 މީހުންނާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ޗައިނާގެ އިތުރުން ދެން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ރަޝިއާއިންނެވެ. އެގޮތުން މިދިޔަ އަހަރުގެ މިހާތަނަށް ރަޝިއާއިން 80،075 ފަތުރުވެރިން އައި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 95،645 އަށް އިތުރުވެފަ އެވެ.
ޗައިނާ އަދި ރަޝިއާ މާކެޓު ކުރިއަރާފައިވީ ނަމަވެސް، ވިލާތުގެ ގިނަ ގައުމުތަކާއި އިންޑިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން އިނގިރޭސިވިލާތުން އައި މީހުންގެ އަދަދު 16.5 ޕަސެންޓް ދަށްވެފައިވާއިރު، އިޓަލީން 11.7 ޕަސެންޓް އަދި ޖަރުމަނުން 16.4 ޕަސެންޓް ވަނީ ދަށްވެފަ އެވެ. މީގެ އިތުރުން އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދު 15 ޕަސެންޓް ދަށްވެފައިވާއިރު، ފްރާންސް (17.3 ޕަސެންޓް ދަށް)، އެމެރިކާ (22.6 ޕަސެންޓް ދަށް) އަދި ސްވިޓްޒަލޭންޑުން (4.7 ޕަސެންޓް ދަށް) ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު މަދުވެފަ އެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ގޮތަށް ބަލާއިރު، އެންމެ ގިނަ މީހުން މިއަހަރު ވެސް ހިޔާރުކުރީ ރިސޯޓުތަކެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 69.4 ޕަސެންޓް ނުވަތަ 516،255 މީހުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، 189،967 މީހުން ގެސްޓްހައުސްތަކުގައި، 20،318 މީހުން ހޮޓާތަކުގައި އަދި 16،423 މީހުން ވަނީ ސަފާރީ އުޅަނދުތަކުގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ