މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާންމު މެންބަރުން ތިބީ ހިތުގައި ޖެހިފައި ކަމަށާއި، ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިޚާބުވެއްޖެނަމަ އެކަން ބަދަލުކުރައްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލްގެ ކެމްޕެއިން ޓީމުން އާންމުކުރި ޕްރޮގްރާމެއްގައި އޭނާ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ކަންކަން ހިނގަމުންދާ ގޮތުން މެންބަރުން މާޔޫސްވެފައިވާކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާ އެ މަގާމަށް ނުކުންނެވީ އާންމު މެންބަރުންގެ އެ އިހުސާސްތައް ދެނެގަނެ، ޕާޓީއަށް ހެޔޮ ބަދަލެއް ގެނައުމަށް ކަމަށް ވިދާޅުވިއެވެ.
އުމުރަށްވުރެ ބޮޑަށް ސިޔާސީ ތަޖުރިބާއަށް ބަލަންޖެހޭކަން ފާހަގަކުރައްވަމުން މީކާއިލް ވިދާޅުވީ، ވޭތުވެދިޔަ 16 އަހަރު އޭނާ މަސައްކަތް ކުރެއްވީ އެމްޑީޕީގެ އެންމެ އާދައިގެ މެންބަރަކުން ފެށިގެން ޕާޓީގެ އާންމު މެންބަރުންނާ އެކުގައި ކަމަށެވެ. އެހެންކަމުން މެންބަރުންގެ ވިންދު ވަރަށް ގާތުން ތަޖުރިބާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މީކާއިލް ވަނީ ޕާޓީގައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ އާބާދީގެ 45 އިންސައްތައަކީ ޒުވާނުންނަށް ވާއިރު، އެމްޑީޕީގައި މިވަގުތު ތިބި 50،000 އެއްހާ މެންބަރުންގެ ތެރެއިން ޒުވާނުން ހިއްސާކުރަނީ އެންމެ 19 އިންސައްތަކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ޕާޓީގެ ލީޑާޝިޕުން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީގެން މެނުވީ ޕާޓީއާ ގުޅޭ ޒުވާނުންގެ އަދަދު އިތުރު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މީކާއިލްއާ ވާދަކުރައްވަނީ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ދެ ބޭފުޅުންވެސް މިހާރު ގެންދަވަނީ އިންތިޚާބަށް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ