އއ. އަތޮޅު މަތިވެރި ކައިރީގައި އޮންނަ 'ޝާކް ޕޮއިންޓް' އަށް ފީނަން ގޮސް އުޅުނު ދެ މީހަކަށް މިޔަރު ހަމަލާދީ، ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހިނގި މި ދެ ހާދިސާގައި އަނިޔާވެފައިވަނީ ޗައިނާގެ އަންހެން ފަތުރުވެރިއަކަށާއި ދިވެހި ޒުވާން ފިރިހެނަކަށެވެ. ބުދަ ދުވަހު މިޔަރު ދަތްއެޅުމުގެ ސަބަބުން ޗައިނާ ފަތުރުވެރިޔާގެ އަތް ވަރަށް ބޮޑަށް ޒަހަމްވެ އޮޕަރޭޝަން ކުރަން ޖެހުނުއިރު، ބުރާސްފަތި ދުވަހު ފީނަން އުޅުނު ދިވެހި ޒުވާނާގެ އަތަށްވެސް މިޔަރު ހަމަލާދީ ވަނީ ބޮޑެތި ޒަހަމްތަކެއް ދީފައެވެ. މި ދެމީހުންނަށްވެސް ފަރުވާދީފައިވަނީ އއ. އަތޮޅު ހޮސްޕިޓަލުގައެވެ. މި ހާދިސާގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި އަންހެން މީހާގެ އަތް އޮތީ ކިރިޔާ ވަކިނުވެއެވެ.
މީގެ މަހެއްހާ ދުވަސް ކުރިންވެސް ހަމަ މި ސަރަހައްދުގައި ފަތުރުވެރިއަކަށް މިޔަރު ހަމަލާދީފައިވާއިރު، މިދިޔަ ހަފުތާގައި ގއ. ކޫއްޑޫ ކައިރިއަށް ފީނަން އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފައިބުރިކޮށްލަން ވަނީ ޖެހިފައެވެ.
ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގައި މިޔަރުގެ ހަމަލާތައް މިހާރަކަށް އައިސް އިތުރުވެފައިވަނީ ފަތުރުވެރިންނަށް ދެއްކުމަށްޓަކައި މިޔަރަށް ކާންދިނުމާއި، މަސް ފެކްޓަރީތަކުން އުކާލާ ކުނި އެތެރެވަރިއަށް އެޅުން އާންމުވުމާ ގުޅިގެންނެވެ. މިގޮތަށް ކާންދޭން އުޅުމުގެ ތެރޭގައި މިޔަރުތައް މީހުންނަށް ހަމަލާދެނީ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
ކޮމެންޓު ފޮނުވާ