އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޕްރޮސްޓޭޓް ކެންސަރުން ސަލާމަތްވެއްޖެ

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޕްރޮސްޓޭޓް ކެންސަރުން ސަލާމަތްވެއްޖެ

Author
ޙަސަން މުޙައްމަދު
24 އޭޕްރިލް 2026 07:47
0

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޕްރޮސްޓޭޓް ކެންސަރު ޖެހި، އެ ބައްޔަށް ފަރުވާ ހޯދައި މިހާރު މުޅިން ރަނގަޅުވެފައިވާ ކަމަށް އޭނާ ހާމަކޮށްފިއެވެ.

އުމުރުން 76 އަހަރުގެ ނަތަންޔާހޫ 'އެކްސް' ގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އޭނާގެ ހަށިގަނޑުން ކެންސަރުގެ ޓިއުމަރެއް ފެނިފައިވަނީ ބަލީގެ ވަރަށް ކުރީކޮޅުގައެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ޕްރޮސްޓޭޓް ދުޅަވެގެން ކުރި ސާޖަރީއަކަށްފަހު ހަދަމުންދިޔަ ގަވާއިދު ޗެކްއަޕްތަކެއްގެ ތެރެއިން މި ޓިއުމަރު ފެނުނުއިރު، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ބަލި ފެތުރިފައެއް ނުވެއެވެ. އެ ބައްޔާއެކު އުޅުމުގެ އިހުތިޔާރު ޑޮކްޓަރުން ދިން ނަމަވެސް، އޭނާ ނިންމީ ވަގުތުން ފަރުވާ ހޯދުމަށެވެ.

ނަތަންޔާހޫ މި ނުރައްކާތެރި ބަލިން ސަލާމަތްވިކަން އާންމުކޮށްފައިވަނީ އޭޕްރީލް 24 ވަނަ ދުވަހު ނެރުނު އޭނާގެ އަހަރީ މެޑިކަލް ރިޕޯޓާ ގުޅުވައިގެންނެވެ. ރިޕޯޓު އާންމުކުރުން ދެ މަސް ދުވަހަށް ލަސްކުރީ އީރާނުން އޮޅުވާލައިގެން ޕްރޮޕަގަންޑާ ފެތުރުމަށް ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް އޭނާ ބުނެފައިވެއެވެ. އިޒްރޭލުގެ ތާރީހުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ނަތަންޔާހޫ، އަންނަ އޮކްޓޯބަރު މަހު އޮންނަ އިންތިހާބުގައި އަލުން ވާދަކުރެއްވުމަށް ވަނީ ގަސްދުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.