މައުލޫމާތު ހާމަކުރުމުން ފެނަކައަށް މީޑިއާ ގޯސްވެއްޖެ

މައުލޫމާތު ހާމަކުރުމުން ފެނަކައަށް މީޑިއާ ގޯސްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
13 ޖެނުއަރީ 2021 09:24
0

ކޮންސްޓްރަކްޝަން ކުންފުނިތަކަށް ފެނަކައިން ދޭންޖެހޭ ފައިސާ ނުދޭ ކަމަށްބުނެ އޮންލައިން ނޫސް "ދިޔަރެސް" ގައި ލިޔެފައިވާ ޚަބަރު ދޮގުކޮށް އެނޫހަށް ފެނަކައިން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ފެނައިކައަށް ނިސްބަތްވާގޮތަށް ނޫސްވެރިޔަކު ލިޔެފައިވާ ލިޔުމުގައި، ފެނަކައިން ހޯދަންޖެހޭ މައުލޫމާތު ނުހޯދާކަމަށް ބުނެ ބޮޑު ބަޔާނެއް ނެރުމަށްފަހު، ނޫހަށް އަމާޒުކޮށް، އެނޫހަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ޚަބަރު ފަތުރާ ނޫހެއްކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. ފެނަކައާއި ގުޅުންހުރި ޚަބަރެއް ގެނެސްދޭއިރު އެފަރާތެއްގެ ބަހެއް ނުހޯދައި ޚަބަރު ގެނެސްދިނުމުން، ޚަބަރު ދޮގުކުރުމުގެ ބަދަލުގައި މީޑިޔާއަށް އަމާޒުކޮށް ބަޔާނުގައި ރައްދު ދީފައިވާކަން ފާގަކޮށްލެވެއެވެ.

”ދިޔަރެސް" ފަދަ ޒިންމާދާރު ކަމެއްނެތް ޚަބަރު ފަތުރާ މަދު ވަޞީލަތްތަކަކުން ޝާއިއު ކުރަމުންދާ މިފަދަ ހަޤީޤަތާއި ޚިލާފު ވާހަކައަކުން، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ހިނދުކޮޅަކަށްވެސް ފަސްޖެހުމަކާއި ނުލާ ޚިދުމަތުގެ މައިދާނުގައި މިކުންފުނިން މަސައްކަތް ކުރާނެ ކަމުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން.

– ފެނަކަ ބަޔާނުގައި ވެއެވެ.

ފެނަކައިން ބުނެފައިވަނީ ކޮންޓްރެކްޓާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ސަރުކާރުގެ މަޝްރޫޢުތަކުގައި މަސައްކަތްކުރާ ކުންފުނިތަކަށް މަސައްކަތް ނިމުމަށްފަހު، ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށާއި، އޭގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މަސައްކަތް ހިމެނޭ ކަމަށް ބަޔާންކޮށްފައި ވުމުން "ދިޔަރެސް"ގެ ފަރާތުން ބައެއް ކޮންޓްރެކްޓަރުންނާ ގުޅައިގެން މައުލޫމާތު ހޯދުމަށް ކުރެއްވި މަސައްކަތުން، އެކުންފުންޏަށް ޚިދުމަތް ފޯރުކޮށްދެއްވުމަށްފަހު އެ ކުންފުންޏަކަށް ދޭންޖެހޭ ފައިސާ ނުދީ ފެނަކައިން ހިފަހައްޓާފައިވާ ކަމުގައި މަދު ބައެއް ކޮންޓްރެކްޓަރުންގެ ފަރާތުން ދިޔަރެސް އަށް މަޢުލޫމާތު ދެއްވާފައި ވާކަމަށް ބުނާއިރު، ހަމަހަމަ ކަމާއި ޒިންމާދާރު ކަމާއިއެކު ކުރެވޭ ނޫސްވެރިކަމެއްގައި، ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދުމަކާއި ނުލައި " ދިޔަރެސް" ގައި ޝާޢިރު ކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގައި ވަކި ފަރާތަކަށް ބުރަވެ، ސިޔާސީ ގޮތުން ފެނަކަ ކޯޕަރޭޝަނާއި މެދު ޢާއްމުންގެ މެދުގައި ޝައްކާއިވަހުމް އުފެއްދުމުގެ އިތުރުން ކުންފުނީގެ ނަން ކިލަނބު ކުރުމަށް ކުރި ނާތަހުޒީބު ފިނޑި ޢަމަލެއްކަމަށް ވަނީ ބުނެފައެވެ.

ފެނަކައިން ހިންގާ މަޝްރޫޢު ތަކުގައި، ކުންފުންޏާއިއެކު ވެވޭ އެއްބަސްވުމަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކެއްގައި، އެފަރާތަކަށް ލިބިދޭންޖެހޭ ފައިސާ އެއްބަސްވުމުގެ ރޫޙާއި އެއް ގޮތްވާގޮތުގެ މަތީން ޢަމަލު ކުރަމުންދާ ކޮންމެ ކޮންޓްރެކްޓަރަކަށްވެސް އޮންނަ އުޞޫލާއި ހަމަތަކުގެ ތެރެއިން ފައިސާ ދޫކުރަމުންދާ ކަމުގައި ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން މިހެން ބުނެފައި ވީނަމަވެސް ފެނަކަގެ މަސައްކަތް ކޮށްދިން ބައެއް ފަރާތްތަކުން ދަނީ ކަނޑައެޅިފައިވާ ތާރީހުތަކުގައު ފައިސާ ނުލިބުމުން އެކަމުގެ ޝަކުވާ ކުރަމުންނެވެ. މިނޫންވެސް ސަރުކާރުގެ އެކި އިދާރާތަކުގެ މަސައްކަތްތައް ކުރުމަށްފަހު ދޭންޖެހޭ ފައިސާ ނުދޭ މައްސަލާގައި ގިނަ ކުންފުނިތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.