ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގެ ކަންކަން ވަރަށް ބޮޑަށް ފަސޭހަކޮށްދީފި

ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގެ ކަންކަން ވަރަށް ބޮޑަށް ފަސޭހަކޮށްދީފި

Author
ހުސައިން
24 އޭޕްރިލް 2026 07:48
0

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގެ މަރުހަލާ މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ވަރަށް ބޮޑަށް ލުއިފަސޭހަ ކޮށްދީފިއެވެ.

"މޯލްޑިވްސް 2.0″ އިނީޝިއޭޓިވްގެ ދަށުން އިމިގްރޭޝަނުން ގެނައި މި އާ ބަދަލާއެކު، ވިސާއަށް އެދޭއިރު ކުރިން ދީފައިވާ މައުލޫމާތުތައް އަލުން ފުރާކަށް ދެން ނުޖެހޭނެއެވެ. ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކުން "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓު ނަންބަރު ޖެހުމުން، ޕާސްޕޯޓާއި ފަތުރުވެރިޔާ ހުންނަ ތަނުގެ މައުލޫމާތު ފަދަ މުހިންމު ތަފްސީލުތައް ސިސްޓަމުން އަމިއްލައަށް ފުރިގެންދާނެއެވެ. މި މަރުހަލާގައި ހުށަހަޅަން ޖެހޭނީ ހަމައެކަނި ނެގިތާ އަހަރެއް ނުވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެކެވެ.

ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ އަޕްލޯޑުކުރަން މިހާރު ޖެހޭނީ ހަމައެކަނި ޕާސްޕޯޓު އާކުރުން ނުވަތަ މައުލޫމާތަށް ބަދަލެއް އައިސްފައިވާ ހާއްސަ ހާލަތްތަކުގައެވެ. މީގެ އިތުރުން ރާއްޖޭގައި ހުންނަ ހޮޓާ ނުވަތަ ގެސްޓްހައުސް ބަދަލުކޮށްފިނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެ މައުލޫމާތުވެސް ފަސޭހައިން އަމިއްލައަށް އަޕްޑޭޓް ކުރެވޭނެއެވެ.

މި ގެނެވުނު ބަދަލާއެކު ވިސާގެ ކަންކަން ނިންމުމަށް ހޭދަވާ ވަގުތުވެސް ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ. ކުރިން މި ޕްރޮސެސްއަށް ފަސް ދުވަސް ހޭދަވީ ނަމަވެސް، މިހާރު އެންމެ 48 ގަޑިއިރު (ދެ ދުވަސް) ތެރޭގައި ވިސާގެ މުއްދަތު އިތުރުކޮށް، އެޕްރޫވްކޮށްދޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދައުލަތުގެ ހިދުމަތްތައް ހަރުދަނާކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.