އިންޑިއާއިން ނެގި 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީ ދައްކައިފި، އަލަށް 30 ބިލިއަން ރުޕީސްގެ އެހީއެއް

އިންޑިއާއިން ނެގި 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީ ދައްކައިފި، އަލަށް 30 ބިލިއަން ރުޕީސްގެ އެހީއެއް

Author
ޙަސަން މުޙައްމަދު
23 އޭޕްރިލް 2026 11:49
0

އިންޑިއާގެ ރިޒާވް ބޭންކް (އާރުބީއައި) އިން ރާއްޖެއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ފައިސާ ދިވެހި ސަރުކާރުން މިއަދު ދައްކައިފިއެވެ. އަދި މިއާއެކު، އިންޑިއާއިން ވަނީ ރާއްޖެއަށް 30 ބިލިއަން ރުޕީސްގެ އާ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދޫކޮށްފައެވެ.

މިއަދު ދެއްކި 400 މިލިއަން ޑޮލަރުގެ ފެސިލިޓީއަކީ ދައުލަތުގެ ރިޒާވްގެ ހާލަތު ދަށްވުމާ ގުޅިގެން އެކަން ރަނގަޅުކުރުމަށްޓަކައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު މި ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ނެގި ފައިސާއެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި ފައިސާ ދެއްކުން އިންޑިއާއިން ފަސްކޮށްދީފައިވީ ނަމަވެސް، އާރުބީއައިގެ އުސޫލުތަކާއި ގަވާއިދުތައް ހުންނަ ގޮތުން ތިންވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ދަތިތަކަކާ ކުރިމަތިވުމުން ސަރުކާރުން ވަނީ މި ފައިސާ އެއްކޮށް ދައްކާފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި މިކަން ކަށަވަރުކޮށްދީފައިވާއިރު، އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރެވުނު ބައިލެޓްރަލް ސްވޮޕް އެއްބަސްވުމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ 30 ބިލިއަން ރުޕީސް މިހާރު ރާއްޖެއަށް ދޫކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި، އަލަށް ހަމަޖެހުނު 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހުރި ގޮންޖެހުންތަކަށް، ހާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ކުރީ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރުވެސް މި ސަރުކާރުން ދާދި ފަހުން ވަނީ ދައްކާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.