ކުޅިވަރު ލާމަރުކަޒީކޮށް ތަރައްޤީކުރުމަށްޓަކައި، ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއަށް ލަފާދެއްވުމަށް، ރާއްޖޭގެ މަޝްހޫރު ކުޅިވަރު ޝަޚްސިއްޔަތު މައުރޫފް އަޙްމަދު (މާއްޓޭ) ޚާއްސަ މުޝީރެއްގެ ގޮތުގައި އައްޔަންކުރައްވައިފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި މައުރޫފް ހަމަޖައްސަވާފައިވަނީ "ސްޕެޝަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮން ސްޕޯޓްސް ޑީސެންޓްރަލައިޒޭޝަން" ގެ މަޤާމަށެވެ. މައުރޫފްގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ، ހަމައެކަނި މާލެއަށް ކުޅިވަރު ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އަތޮޅުތެރޭގައި ހައި ޕާފޯމަންސް އެތުލީޓުން ބިނާކުރުމުގެ މަސައްކަތް ލާމަރުކަޒީ އުސޫލުން ކުރިއަށް ގެންދިއުމުގެ ޕްލޭންތައް އެކުލަވާލައި އެކަން ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރެއްވުމެވެ. މިއީ ކުޅިވަރުގެ ހުނަރުވެރިން ހޯދައި ކުރިއެރުވުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު ސިޔާސަތެކެވެ.
ރާއްޖޭގެ ތާރީޚު ދުށް އެންމެ މޮޅު އެއް ގޯލްކީޕަރުގެ ގޮތުގައި ފާހަގަކުރެވޭ މައުރޫފަކީ ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި، ޚާއްސަކޮށް ވިކްޓްރީ ސްޕޯޓްސް ކުލަބާއެކު ގިނަގުނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ ސަރުކާރުގެ ތަފާތު އިސް މަޤާމުތަކެއްވެސް ފުރުއްވާފައެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްކަން ހިމެނެއެވެ.
ކުޅިވަރު ހިންގުމުގެ ދާއިރާއަށް ބަލާއިރު، މައުރޫފް ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުކަމާއި، ޖެނެރަލް ސެކްރެޓަރީކަމުގެ އިތުރުން ޤައުމީ ޓީމުގެ މެނޭޖަރުކަންވެސް ކުރައްވާފައެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާއި އެފްއޭއެމް އެވޯޑްސް ކޮމިޓީގެ ޗެއާމަންކަންވެސް ކުރައްވާފައިވާ މައުރޫފަކީ ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސަރޝިޕްގެ ދާއިރާއިން މާސްޓަރސް ޑިގްރީއާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލްކުރައްވާފައިވާ ތަޢުލީމީ އަދި ތަޖުރިބާކާރު ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ