ގޭބިސީތަކާއި ވިޔަފާރިތަކުން ދައްކަންޖެހޭ ފެން ބިލްތައް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީން އަނެއްކާވެސް ނިންމައިފިއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ނިންމި މި ނިންމުމުގެ ދަށުން ޖޫރިމަނާ މައާފުކޮށްދެވޭނީ 31 ޑިސެމްބަރު 2025 ގެ ނިޔަލަށް ޑޮމެސްޓިކް އަދި ކޮމާޝަލް ކަސްޓަމަރުންގެ ބިލްތަކަށް އަރާފައިވާ ޖޫރިމަނާތަކަށެވެ. މި ޖޫރިމަނާ ފައިސާ މައާފުވާނީ، އެ ބިލްތަކަށް ދައްކަންޖެހޭ އަސްލު ފައިސާ މި މަހުން ފެށިގެން 31 ޑިސެމްބަރު 2026 ގެ ކުރިން އެއްކޮށް ދައްކައި ހަލާސްކުރާ ފަރާތްތަކަށެވެ.
މީގެ އިތުރުން، އެއްފަހަރާ ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް، ހާއްސަ އެއްބަސްވުމެއްގެ ދަށުން މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިދީފައެވެ. މިގޮތަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފުކުރެވޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި އެއްކޮށް ނިމުމުންނެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތާއި އެހީތެރިކަން ހޯދުމަށް އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ކެއާ ހޮޓްލައިން 105 އަށް ގުޅުމަށް ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުވުމަށް އެ ކުންފުނިން އެދެއެވެ. އަދި [email protected] އަށް އީމެއިލް ކޮށްގެންވެސް މި ހިދުމަތްތަކާ ގުޅޭ މައުލޫމާތު ސާފުކުރެވޭނެއެވެ. އެމްޑަބްލިޔުއެސްސީން ވަނީ މި ލުއި ފުރުސަތުގެ ބޭނުން ހިފައި ބިލްތައް ހަލާސްކުރުމަށާއި، ކުރިއަށް އޮތް ތަނުގައި ގަވާއިދުން ބިލްތަކަށް ފައިސާ ދައްކަމުން ގެންދިއުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ