އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް، ވަކި ކޮޅެއް ނެގުމަކީ އޭނާ ޤަބޫލުކުރައްވާ އުސޫލެއް ނޫންކަމަށް އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ ކުރިއަށް އޮތް އެތެރޭގެ އިންތިޚާބުގައި އެކި މަޤާމުތަކަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ރާއްޖެއަށް ސިޔާސީ ޕާޓީތަކުގެ ފަލްސަފާ ތަޢާރަފުކޮށްދީ، ޕާޓީ ހިންގާނެގޮތް ދަސްކޮށްދިން ޕާޓީއަކީ އެމްޑީޕީކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، މިއީ މެމްބަރުން އެކަތިގަނޑަކަށްވެ 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރުމަށް އެ ޕާޓީން ފަށާ މުހިންމު މަސައްކަތުގެ ފެށުން ކަމަށެވެ.
ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަކި ކޮޅަކަށް ނުޖެހި ހުންނެވި ނަމަވެސް، ވީހާވެސް ގިނަ މެމްބަރުން ނުކުމެ ވޯޓުލުމުގައި ބައިވެރިވުމަށް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ އަބަދުވެސް ވޯޓުން އުފާވެރިކަން ހޯދާ ޕާޓީއެކެވެ.
މިފަހަރުގެ އެތެރޭގެ އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައިވަނީ ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށެވެ. މި މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙުމަދު ނަސީމްގެ އިތުރުން ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ގެންދަވަނީ ވާދަކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ