ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅޭ ކަންކަން ބަލަހައްޓާ ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ފައިޒަލް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕޭ ކޮމިޝަންގެ ދުވަހުން ދުވަހުގެ މަސައްކަތްތައް ހިންގުމާ ހަވާލުވެ އެންމެ އިސްކޮށް ހުންނެވި ފައިޒަލް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އޭނާގެ އިސްތިއުފާގެ ސިޓީގައި ބަޔާންކުރައްވާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. އޭނާ މަގާމުން ވަކިވެވަޑައިގެންފައި މިވަނީ، ސަރުކާރު މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑަށް އަމަލުކުރަން ފެށުމާއެކު އުފެދުނު ބައެއް މައްސަލަތަކާ ގުޅިގެން އާންމުންނާއި މުވައްޒަފުންގެ ގިނަ ފާޑުކިޔުންތަކެއް އެ ކޮމިޝަނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މި މައްސަލަތަކާ ގުޅިގެން ޕޭ ކޮމިޝަނުން މިރޭ ބުނެފައިވަނީ، މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން އާ ޕޭ ފްރޭމްވޯކަށް ބަދަލުވި އިދާރާތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އެ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތައް ބަލައި، ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާކޮށްގެން އެކަންކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ