އިންޑިއާގެ ދަރަނި ދެއްކުމުގައި ލުޔެއް ހޯދަން ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ނަޝީދު ގޮވާލައްވައިފި

އިންޑިއާގެ ދަރަނި ދެއްކުމުގައި ލުޔެއް ހޯދަން ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ނަޝީދު ގޮވާލައްވައިފި

Author
ޙަސަން މުޙައްމަދު
21 އޭޕްރިލް 2026 11:29
0

އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަނބުރާ ދެއްކުމުގައި ލުއިތަކެއް ހޯދުމަށް، ސިޔާސީ ޕާޓީތައް ގުޅިގެން އިންޑިއާ ސަރުކާރާ އެކު މަޝްވަރާކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

މީގެ ދެ އަހަރު ކުރިން ނެގި މި ފެސިލިޓީގެ މުއްދަތު އިންޑިއާ ސަރުކާރުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްދީފައެވެ. ނަމަވެސް، ތިންވަނަ ފަހަރަށް އެކަން ކުރުމަށް އެ ގައުމުގެ ގާނޫނުތައް ތަންނުދޭކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، މި މަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ދައްކަން ޖެހެއެވެ.

ރައީސް ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2021 ވަނަ އަހަރު ނެގި 550 މިލިއަން ޑޮލަރުގެ ސުކޫކު މި މަހު ދައްކާފައިވުމުން، ދައުލަތުގެ ރިޒާވްގައި އިތުރު ދަރަންޏެއް ދެއްކުމުގެ ގާބިލުކަން ނުހުންނާނެ ކަމަށެވެ. އަދި އިންޑިއާގެ ދަރަނި ނުދެއްކި ރާއްޖެ ޑިފޯލްޓުވެއްޖެނަމަ މުޅި މާލީ ނިޒާމަށާއި ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ ދަރަނީގެ ކަންކަމުގައި ހުރިހާ ޕާޓީއަކުން އެއްބަސްވެ އިންޑިއާއާއެކު މަޝްވަރާކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، ނަޝީދު ވަނީ ދައުލަތުގެ ވެރިޔަކަށް އެ މަނިކުފާނު އަދި ސަރުކާރު ހިންގުމުގެ ވެރިޔަކަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުންނަވާ ގޮތަށް ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށްވެސް ހުށަހަޅުއްވާފައެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކުން ހުށަހަޅާ މިފަދަ ބަދަލުތަކަށާއި މަޝްވަރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެކޮޅު ހައްދަވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރީ ފަސް އަހަރުގެ ދައުރެއް ކަމަށާއި، ސަރުކާރު ހިންގުމުގައި އެހެން ޕާޓީތަކާ ބައިވެރިވެގެން ކުރިއަށް ދިޔުމަކީ ރައްޔިތުން ދިން މެންޑޭޓާ ހިލާފު ކަމެއް ކަމަށެވެ.

އިންޑިއާގެ ދަރަންޏާ ގުޅޭގޮތުން ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް، ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި، ބޭނުންޖެހޭ ކޮންމެ ހާލަތެއްގައިވެސް އެ ގައުމުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.