ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި މި މައްސަލަ މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. މި މައްސަލަ މަޖިލީހުން ބޭރުކޮށްލީ 39 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޑރ. ޝަމްހީދު ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މަދުކުރުމުން ކުއްލި ގޮތަކަށް 13،000 މީހުންގެ ވަޒީފާ ގެއްލިގެންދާނެ ކަމަށެވެ. އަދި އެއްވެސް ޕްލޭނެއް ނެތި މިފަދަ ފިޔަވަޅެއް އެޅުމަކީ ގާނޫނުއަސާސީއާއި ވަޒީފާއާ ބެހޭ ގާނޫނާވެސް ހިލާފު، ރައްޔިތުންނަށް އޭގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ އެހެނިހެން އިސްރާފުތައް ކުޑަނުކޮށް، ދުނިޔޭގެ މާލީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި އެތައް ބައެއްގެ ވަޒީފާ ގެއްލުވާލުމަކީ ސަރުކާރުން ގަސްތުގައި ރައްޔިތުންނަށް ދޭ އަނިޔާއެއްގެ ގޮތުގައި ޝަމްހީދު ސިފަކުރެއްވިއެވެ.
ސަރުކާރުން މިގޮތަށް ނިންމާފައިވަނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ. އެގޮތުން، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށާއި، ތައުލީމާއި ހުނަރަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) ހަރުދަނާކޮށް އެކަން ކަށަވަރުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހުކުރު ދުވަހު އަންގާފައެވެ.
ކޮމެންޓު ފޮނުވާ