މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް، މުދާ އެތެރެކުރާނެ އައު މަގުތަކެއް ހޯދައި، ތެލުގެ ސަޕްލައި ކަށަވަރުކޮށްފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ، ދުނިޔޭގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަނެ ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ޚާރިޖީ ވުޒާރާއާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުން ޗައިނާ، އިންޑިއާ، ތުރުކީވިލާތް އަދި އާސިއާންގެ ޤައުމުތަކުން މުދާ ގެނެވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށާއި، މީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ މުދަލުގެ ސަޕްލައިއަށް އެއްވެސް ބުރޫއެރުމެއް ނާންނާނެ ކަމަށެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބަދަލުތަކެއް އަންނަމުންދިޔަ ނަމަވެސް، ކޮމިޓީގެ ޗެއަރ އަދި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ ރައްޔިތުންނާއި ވިޔަފާރިތަކަށް ދަތިނުވާނެހެން މެދުނުކެނޑި ތެޔޮ ލިބޭނެކަން ކަށަވަރުކޮށްދެއްވާފައެވެ. ހަމައެއާއެކު، ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވީ މި ދަތި ދަނޑިވަޅުގައިވެސް މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދީގެން، މިހާތަނަށް 1.1 މިލިއަން ލީޓަރަށްވުރެ ގިނަ ތެޔޮ ހެޔޮ އަގުގައި މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކަށް ފާރަވެރިވެ، އަސާސީ ޚިދުމަތްތަކާއި މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ