ކައުންސިލް އިންތިޚާބުގައި ވޯޓު އެއްވަރުވެގެން ފަސް ރަށެއްގައި ބޭއްވި ދެވަނަ ބުރުގެ އިންތިޚާބުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކުރިއިރު، ކައުންސިލް ގޮނޑިތައް އެމްޑީޕީ އަދި އަމިއްލަ ކެންޑިޑޭޓަކު ކާމިޔާބުކޮށްފިއެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ނަތީޖާ އެއްވަރުވުމުގެ ސަބަބުން އިއްޔެ އަލުން ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށުގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިތަކަށާއި، ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑީގެ އިތުރުން ފުވައްމުލަކު ދަޑިމަގު އަވަށުގެ ކައުންސިލް ގޮނޑިއަށެވެ.
މި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކުރެވުނީ ފުވައްމުލަކު ދަޑިމަގު އަވަށުގެ ގޮނޑި ޕީއެންސީއަށް ގެއްލުމެވެ. އެ ގޮނޑި 595 ވޯޓާއެކު އަމިއްލަ ކެންޑިޑޭޓް ޝީޒާ އިބްރާހީމް ކާމިޔާބުކުރެއްވިއިރު، ޕީއެންސީގެ ކެންޑިޑޭޓް އަދި މިހާރުގެ ވެސް ކައުންސިލަރު ޢާއިޝަތު ޢަބްދުލްޤާދިރަށް ލިބިވަޑައިގަތީ 562 ވޯޓެވެ. މިއާއެކު އަންނަ ދައުރުގައި ފުވައްމުލަކު ކައުންސިލްގައި ޕީއެންސީ ތަމްސީލުކުރައްވާނެ މެންބަރަކު ނުހުންނާނެއެވެ. މީގެ އިތުރުން ބ. ދޮންފަނު ކައުންސިލްގެ ގޮނޑި ކާމިޔާބުކުރެއްވީ 203 ވޯޓު ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު ރަފާޙެވެ. އެ ރަށުގެ މިހާރުގެ ކައުންސިލަރު އަދި ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ޢާއިޝަތު މުނާއަށް ލިބިވަޑައިގަތީ 166 ވޯޓެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނަތީޖާއަށް ބަލާއިރު، ދެވަނަ ބުރަށް ދިޔަ ތިން ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. އެގޮތުން ހއ. ކެލާ ކޮމިޓީގެ ރައީސްކަން ޕީއެންސީގެ ޙައްވާ ފަޒްނާ ކާމިޔާބުކުރެއްވީ 578 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ މަހުދިއްޔާ އާދަމަށް ލިބިވަޑައިގަތީ 528 ވޯޓެވެ. ހދ. ނޭކުރެންދޫ ކޮމިޓީގެ ގޮނޑި ޕީއެންސީގެ ފާޠިމަތު ރިއުޒާ 362 ވޯޓާއެކު ކާމިޔާބުކުރެއްވިއިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ފާޠިމަތު ނިޝާދާއަށް ލިބުނީ 232 ވޯޓެވެ. އަދި ލ. މާވަށު ކޮމިޓީގެ ގޮނޑި ޕީއެންސީގެ ފާޠިމަތު ޝާފިޢާ 563 ވޯޓާއެކު ކާމިޔާބުކުރެއްވިއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މަރްޔަމް މާޢިޝާއަށް ލިބިވަޑައިގަތީ 545 ވޯޓެވެ.
ކޮމެންޓު ފޮނުވާ