ހުޅުމާލެ ހޮސްޕިޓަލުގެ ޖާގަ އިތުރުކޮށް، ގިނަ އައު ޚިދުމަތްތަކެއް ފަށަނީ

ހުޅުމާލެ ހޮސްޕިޓަލުގެ ޖާގަ އިތުރުކޮށް، ގިނަ އައު ޚިދުމަތްތަކެއް ފަށަނީ

Author
ޙަސަން މުޙައްމަދު
18 އޭޕްރިލް 2026 03:30
0

ހުޅުމާލެ ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް އިތުރުކުރާ 28 އެނދުގެ މަސައްކަތް މިއަހަރުގެ މެދުތެރެއަށް ނިންމާލުމަށް އަމާޒުހިފައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މެޑިކަލް ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ) އަށް 4 އެނދު، ޖެނެރަލް ވޯޑަށް 15 އެނދު އަދި ކުޑަކުދިންގެ ވޯޑަށް 9 އެނދު އިތުރުކުރެވޭނެ ކަމަށެވެ. މި ބަދަލާއެކު ކުޑަކުދިންގެ ވޯޑުގެ ޖާގަ 15 އެނދަށް އަދި ޖެނެރަލް ވޯޑުގެ ޖާގަ 27 އެނދަށް އިތުރުވެގެންދާނެއެވެ.

އެނދު އިތުރުކުރުމުގެ އިތުރުން ގިނަ އައު ޚިދުމަތްތަކެއް ފެށުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އިތުރު އެމްއާރްއައި މެޝިނަކާއި އެކްސްރޭ މެޝިންތައް ބެހެއްޓުމުގެ އިތުރުން، ގައިނީ ޑިޕާޓްމަންޓްގައި ލޭބަރ ރޫމްތަކާއި ވޯޑެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ހުށަހެޅި ކަންކަމަށް ރިޢާޔަތްކޮށް، ނިއުރޮލަޖީ އޯޕީޑީއާއި ޔޫރޮލަޖީގެ ޚިދުމަތްވެސް މިއަހަރު ފަށާނެކަމަށް ސީއީއޯ ވިދާޅުވިއެވެ.

ޙަލީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި 250 އެނދާއި ޕްރައިވެޓް ރޫމްތައް ހިމެނޭ އައު އިމާރާތެއް އެޅުމުގެ ޕްލޭންވެސް މިހާރު އަންނަނީ ކުރަމުންނެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަ ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި 4 އޮޕަރޭޝަން ތިއޭޓަރުގެ ކޮމްޕްލެކްސްއަކާއި، 10 އެނދުގެ އައިސީޔޫއަކާއި، 14 އެނދުގެ އެންއައިސީޔޫއެއްގެ އިތުރުން ސެންޓްރަލް ސްޓްރެއިލް ސަރވިސް ޑިޕާޓްމަންޓެއް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން އީއާރުގެ ޖާގަ 14 އެނދަށް އިތުރުކޮށް، ޑައިލިސިސް ޔުނިޓުގެ ޖާގަ 30 އެނދަށް އިތުރުކުރުމާއެކު އެ ޚިދުމަތުގެ ކިއު މިހާރު ވަނީ އެއްކޮށް ނައްތާލެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.