ފިހާރައަކުން ދެ ލައްކަ ރުފިޔާ ވަގަށް ނެގިކަން ސާބިތުވެ، ލަންކާގެ އަންހެނަކަށް އިއްވި ޖަލު ހުކުމަށްވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ މިނިވަންވެއްޖެއެވެ.
ވިޖެންދްރާ ވަޑުގެ ނިރާޝާ ރަސާލީ ނަމަކަށް ކިޔާ މި މީހާއަކީ 'ފްލޮރިޝް ބައި ސްޕެރާންޒާ' ކިޔާ ފިހާރައެއްގެ ކޭޝިއަރަކަށް އުޅެމުން، އެތަނުގެ ވަތްގަނޑުން ފައިސާ ނެގި މައްސަލައިގައި ދައުވާ އުފުލުނު މީހެކެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓާފައި ހުރިއިރު، މިދިޔަ ހަފުތާގައި ކޯޓުން ވަނީ އޭނާ އެއް އަހަރާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
ނަމަވެސް، ކޯޓުން މި ހުކުމް އޭނާގެ މައްޗަށް އިއްވިއިރު، ޝަރީއަތް ނިމެންދެން އޭނާ ވަނީ އެއް އަހަރާއި ދެ މަހާއި ހަ ދުވަސް ޖަލު ބަންދުގައި (ވާނުވާގައި) ހޭދަކޮށްފައެވެ. އެހެންކަމުން، ކޯޓުން އިއްވި ހުކުމުގެ މުއްދަތަށްވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ހުރެފައިވާތީ، އިތުރަށް ތަންފީޒުކުރާނެ ހުކުމެއް ނެތްކަމަށް ކަނޑައަޅައި އޭނާ ވަނީ މިނިވަންވެފައެވެ.
މި މައްސަލައިގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އޭރު ނިންމީ، އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވުމާއެކު، އޭނާއަކީ ބިދޭސީއަކަށް ވުމުން ފިލައިގެން ގައުމަށް ހިނގައިދާނެކަމުގެ ބިރު އޮތުމުންނާއި، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ކޯޓަށް ފެނުމުންނެވެ. އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ފިހާރައިގެ ވަތްގަނޑުން ފައިސާ ނަގާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި އޭނާގެ ބަޔާން ކޯޓުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ