މިއަހަރު ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026″ ގައި ބައިވެރިވުމަށް މިހާތަނަށް 80 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ.
ދިވެހި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކުގެ ހުނަރު ދައްކާލުމަށް ޚާއްސަކޮށްގެން ބާއްވާ މި މައުރަޒަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބީސީސީގެ ޗީފް ސްޓްރެޓިޖިކް އޮފިސަރ މަރިޔަމް ނަޝާ ވިދާޅުވީ، މިދިޔަ އަހަރުގެ މައުރަޒުގައި 250 ފަރާތަކުން 2500 އަށްވުރެ ގިނަ އުފެއްދުން ބައިވެރިކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ މައުރަޒަށް ގެނެވިފައިވާ އެންމެ ބޮޑު އެއް ބަދަލަކީ، އުމުރުން 13 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އޮތުމެވެ. އާންމު ފަރުދުންގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތަކާއި، އަދި ތަޢުލީމުދޭ މަރުކަޒުތަކަށްވެސް މިއަހަރުގެ މައުރަޒުގައި ބައިވެރިވެވޭނެކަމަށް ބީސީސީއިން ވަނީ މައުލޫމާތު ދީފައެވެ.
ކޮމެންޓު ފޮނުވާ