މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް އަންނަ ގިނަ ފްލައިޓުތަކެއް ކެންސަލްވެއްޖެ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް އަންނަ ގިނަ ފްލައިޓުތަކެއް ކެންސަލްވެއްޖެ

Author
ހުސައިން
17 އޭޕްރިލް 2026 11:55
0

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، އެ ސަރަޙައްދުގެ ބޮޑެތި އެއަރލައިންތަކުން ދިވެހިރާއްޖެއަށް މިއަދު ކުރަން އޮތް ގިނަ ދަތުރުތަކެއް ކެންސަލްކޮށްފިއެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރަން ތިބި ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤު ހާމަކުރެއްވި ގޮތުގައި، މި ކުއްލި ބަދަލާއެކު މިއަދު އެކަނިވެސް 4،000 އަށްވުރެ ގިނަ ގޮނޑި ވަނީ ގެއްލިފައެވެ. ދަތުރުތައް ކެންސަލްކުރި މެދުއިރުމަތީގެ ބޮޑެތި އެއަރލައިންތަކުގެ ތެރޭގައި އެމިރޭޓްސް، ފްލައި ދުބާއީ، ޤަތަރު އެއަރވޭސް، އިއްތިހާދު އެއަރވޭސް، ގަލްފް އެއަރ އަދި އެއަރ އެރޭބިއާ ހިމެނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު އެންމެ ގިނަ ދަތުރު ކެންސަލްކޮށްފައިވަނީ ފްލައި ދުބާއީންނެވެ. އެ ކުންފުނިން ރާއްޖެއަށް ކުރަން އޮތް 5 ދަތުރެއް ވަނީ ހުއްޓާލާފައެވެ. މީގެ އިތުރުން އެމިރޭޓްސް އާއި ޤަތަރު އެއަރވޭސްއިން ކޮންމެ ކުންފުންޏަކުން 3 ދަތުރު، އެއަރ އެރޭބިއާ އާއި ގަލްފް އެއަރއިން ކޮންމެ ކުންފުންޏަކުން 2 ދަތުރު އަދި އިއްތިހާދު އެއަރވޭސްގެ 1 ދަތުރު ވަނީ ކެންސަލްކޮށްފައެވެ.

މި ހާލަތާ ގުޅިގެން ވައިގެ ދަތުރުފަތުރަށާއި ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެހެނިހެން ރޫޓުތައް މެދުވެރިކޮށް ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އައު އެއަރލައިންތައް ރާއްޖެއަށް ތަޢާރަފުކުރުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.