ވީރާނާވެފައި އޮތް ސުނާމީ ބިނާ މައިޒާން މަރާމާތުކޮށް، އާރޯކަން ގެނެސްފި

ވީރާނާވެފައި އޮތް ސުނާމީ ބިނާ މައިޒާން މަރާމާތުކޮށް، އާރޯކަން ގެނެސްފި

Author
ހުސައިން
15 އޭޕްރިލް 2026 01:21
0

ގިނަ ދުވަސްތަކެއް ވަންދެން މަރާމާތުނުކުރެވި، ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި އޮތް ސުނާމީ ބިނާ މައިޒާން އެމްޓީސީސީން މަރާމާތުކޮށް ނިންމާލައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ފެށި މި މަސައްކަތުގެ ދަށުން، އެ ސަރަހައްދުގެ ބިންގަނޑު އެއްވަރުކޮށް އަލުން ވަނީ ގާ އަތުރާފައެވެ. އަދި މޫދާވީ ފަރާތުގައި ފެންސު ޖެހުމުގެ އިތުރުން، ހަލާކުވެފައި ހުރި ޖޯލިފަތިތަކުގެ ބަދަލުގައި މީހުންނަށް ފަސޭހައިން އިށީނދެ ތިބެވޭނެ އިންތިޒާމު ހަމަޖައްސައި، މުޅި ސަރަހައްދު ދިއްލުމަށް އާ ލައިޓުތައް ވަނީ ހަރުކޮށްފައެވެ. މީގެ އިތުރުން، ސުނާމީ ބިނާގައި ޖަހާފައިވާ ދަބަރުތައް ފިލުވައި، އެ ބިނާވެސް ވަނީ ޒީނަތްތެރިކޮށްފައެވެ. އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތުގެ ފިޒިކަލް ހުރިހާ ކަމެއް މި މަހުގެ ދެވަނަ ދުވަހަށް ވަނީ އެއްކޮށް ނިންމާލާފައެވެ.

މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުގެ ދަތިކަމާ ހެދި މަރާމާތު ނުކުރެވި އޮތް މި މައިޒާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ތަރައްގީކުރެއްވި ތަނެކެވެ. ކައުންސިލުން އެތަން ނުބަލަހައްޓާތީ ރައީސް މުއިއްޒު ވަނީ މީގެ ކުރިން ފާޑުވިދާޅުވެ، ސަރުކާރުން އެތަން ހަދާނެކަމަށް ވައުދުވެވަޑައިގެންފައެވެ. ޑިސެމްބަރު 26، 2004 ގެ ސުނާމީ ކާރިސާގައި ގެއްލުނު އަދި މަރުވި މީހުންގެ ހަނދާނުގައި ހަދާފައިވާ މި ބިނާ އެންމެ ފުރަތަމަ ބެހެއްޓީ ލޮނުޒިޔާރަތްކޮޅުގައެވެ. ނަމަވެސް ސިނަމާލެ ބްރިޖުގެ މަސައްކަތަށް އެ ބިނާ ފަހުން ވަނީ ކުރީގެ ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކޮށްފައެވެ.

މީގެ ކުރިން ކައުންސިލުން އެކުލަވާލި ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުން، އެ ސަރަހައްދަށް އުދައަރައި ވެލިގަނޑު ގިރައިގެން ދިއުމުގެ މައްސަލަ އަބަދުވެސް ދިމާވެއެވެ. އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޝީޓްޕައިލްކޮށް، ރާޅު ނާރާނެހެން ހުޅަނގު ފަރާތުގެ ޝީޓްޕައިލް މިހާރަށްވުރެ ދެ ފޫޓު އުސްކުރަން ޖެހޭކަމަށް އެ ރިޕޯޓުގައި ލަފާދީފައިވެއެވެ. ނަމަވެސް މިހާރު ކުރެވުނު މަރާމާތާއެކު، ވީރާނާވެފައި އޮތް އެ މައިޒާނަށް ވަނީ ބޮޑު ދިރުމެއް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.