ކ. ހުރާގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، މީހުން ދިރިއުޅޭ ގެއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދޭގޮތުގައި، މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ މީހެއްގެ އަތް ވަނީ ފިހިފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި އަލިފާނުގެ ސަބަބުން ހާލުގައި ޖެހުނު އެ ގޭގެ 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭ އާއި ރަށު ކައުންސިލް ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.
މި ހާދިސާގައި ލިބުނު ގެއްލުމުގެ މިންވަރު ކަމާބެހޭ ފަރާތްތަކުން ބަލަމުން އަންނައިރު، އަލިފާން ރޯވާން ދިމާވި ސީދާ ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. ފަހަކަށް އައިސް ރާއްޖޭގައި މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކުރެވޭއިރު، މީގެ ސަބަބުން މީހުންގެ ފުރާނައާއި މުދަލަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.
ކޮމެންޓު ފޮނުވާ