ހުއްދަ ނުނަގައި ރާއްޖެއަށް އެތެރެކޮށް ވިއްކާ ބަރުދަން ލުއިކުރާ އަދި މަސްތައް ވަރުގަދަ ކުރާ ބޭސްތައް ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަރުދަން ލުއިކުރުމަށާއި، މަސްތައް ވަރުގަދަ ކުރުމަށާއި، ހަންގަނޑު ރީތި ކުރުމުގެ އިތުރުން ޖިންސީ ބޭނުންތަކަށް ހާއްސަކޮށްގެން އެކި ނަންނަމުގައި ހުއްދަނެތި ބޭސް އެތެރެކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ބޭސްތައް އޮންލައިންކޮށް އަދި އާންމު ފިހާރަތަކުގައިވެސް އިޝްތިހާރުކުރަމުންދާއިރު، ގިނަ ބަޔަކު ޑޮކްޓަރެއްގެ ލަފަޔާ ނުލައި މި ތަކެތި ގަނެ ބޭނުންކުރަމުންދާކަމީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއްކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
މިގޮތަށް ވިއްކާ ބޭސްތަކަކީ އެ އޮތޯރިޓީން އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކޮށްފައިވާ ތަކެއްޗަށް ނުވުމުން، މީގެ ސަބަބުން އާންމު ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ނުރައްކާ އޮތްކަމަށް ވަނީ އިންޒާރުދީފައެވެ. އޭގެ ތެރޭގައި ހިތް ހުއްޓުމާއި، ސްޓްރޯކް ޖެހުން އަދި ކުއްލި މަރާ ކުރިމަތިލުން ފަދަ ނުރައްކާތައް ހިމެނެއެވެ.
ގާނޫނީ ގޮތުން ބޭސް ވިއްކޭނީ ހަމައެކަނި ހުއްދަ ލިބިފައިވާ ފާމަސީތަކުންނެވެ. އެހެންކަމުން، ގަވާއިދާ ހިލާފަށް ވިއްކާ މިފަދަ ތަކެތި ބާޒާރުން ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، ހުއްދަނެތި މިފަދަ ތަކެތި އިމްޕޯޓްކޮށް، އިޝްތިހާރުކޮށް އަދި ވިއްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅުމަށް ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ