ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ އަދި ވިނަރެސް ޓަވަރުތަކުގެ ތެރެއިން ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑި ހަތް ގަޑިއިރަށްވުރެ ގިނައިރު ވުމުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކު ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލަ ދިމާވާން މެދުވެރިވީ ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދޭ މައި ކޭބަލަކަށް ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ގެއްލުން ލިބުމާ ގުޅިގެންނެވެ. މެންދުރުފަހު އައި މި ރިޕޯޓުތަކާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، ކަރަންޓުގެ ޚިދުމަތް އަލުން ދެވޭނެ ވަކި އިރެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކަރަންޓު ކެނޑުމާ ގުޅިގެން ގިނަ ޓަވަރުތަކެއްގެ ލިފްޓުތައް ހުއްޓި، އޮފީހާއި ސްކޫލް ނިންމާފައި ގެއަށް އައި މީހުންނަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. ބައެއް ޓަވަރުތަކުގައި ބޭނުންކުރެވެން ހުރީ އެންމެ ލިފްޓަކަށް ވުމުން ކިޔޫތައް ދިގުވެ، ގިނަ ބަޔަކު ޓަވަރު ތިރީގައި މަޑުކުރަން މަޖުބޫރުވިއެވެ. އަދި ރޭގަނޑުވެ އަނދިރިވުމުން ސިޑިން އަރައި ފޭބުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވިއިރު، މަތީ ފަންގިފިލާތަކުގައި އުޅޭ އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ.
މަތީ ފަންގިފިލާއެއްގައި ދިރިއުޅޭ އަދި ދާދިފަހުން އަތުގެ ސާޖަރީއެއް ހަދައި ޕްލާސްޓަރު އަޅާފައިވާ މީހަކު ކިޔައިދިން ގޮތުގައި، ކަރަންޓު ނެތުމުގެ ސަބަބުން ގޭތެރެ އިންތިހާއަށް ހޫނުވެ، އެތައް އުނދަގޫތަކެއް ދަނީ ކުރިމަތިވަމުންނެވެ. އަދި ހޫނު ގަދަވުމުގެ ސަބަބުން ކުޑަކުދިން ރޯ އަޑުވެސް ޓަވަރުތަކުން އިވެމުންދާކަން އޭނާ ފާހަގަކުރިއެވެ. ބޮޑު އާބާދީއެއް އޮންނަ ދެވަނަ ފިޔަވަހީގައި މިފަދަ އަސާސީ ޚިދުމަތްތައް މެދުކެނޑުމަކީ އެތައް ހާސް އާއިލާއަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަކަށް ވާއިރު، މިއީ އެ ސަރަހައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ކޮމެންޓު ފޮނުވާ