ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކުރި ސިފައިންގެ މީހަކަށް ބަދަލުދީ، މަގާމު އިއާދަކުރަން ހުކުމްކޮށްފި

ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކުރި ސިފައިންގެ މީހަކަށް ބަދަލުދީ، މަގާމު އިއާދަކުރަން ހުކުމްކޮށްފި

Author
ހުސައިން
12 އޭޕްރިލް 2026 12:30
0

މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކުރުމަށް ފަހު، ވަޒީފާއިން ވަކިކުރިކަން ނާންގައި ގިނަ އަހަރުތަކެއް ފާއިތުވި ސިފައިންގެ މީހަކަށް އަލުން ވަޒީފާދީ، ގެއްލުނު މުސާރައާއި އިނާޔަތްތައް ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ ރ. ކަނދޮޅުދޫ، ކޮތަރިވިލާ، މުހައްމަދު އިސްމާއީލްގެ މައްޗަށެވެ. ލާންސް ކޯޕްރަލެއްގެ މަގާމުގައި ހުއްޓައި 2007 ވަނަ އަހަރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުވާތަކެއްޗާއި ސައްހަ ނޫން ފައިސާގެ މައްސަލައެއްގެ ތުހުމަތުގައެވެ. އެ މައްސަލައާ ގުޅިގެން ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހު އޭނާ ވަޒީފާއިން ވަކިކުރީ 2009 ވަނަ އަހަރުގައެވެ. ނަމަވެސް ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު އޭނާއާ ހަވާލުކޮށްފައިވަނީ އޭގެ ހަތް އަހަރު ފަހުން، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މި މައްސަލައަކީ 2016 ވަނަ އަހަރު ސިވިލް ކޯޓުން ދައުލަތާ އެއްކޮޅަށް ނިންމުމުން، މުހައްމަދު އިސްމާއީލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން އަލުން ބެލުމަށް އެ ކޯޓުން ސިވިލް ކޯޓަށް އަންގާފައިވާ މައްސަލައެކެވެ. ކޯޓުގައި ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އޭނާ ވަކިކުރީ ބަންދުން ދޫކޮށްލުމަށްފަހުވެސް ސަބަބެއް އެންގުމަކާ ނުލައި އަދި ވެރިއެއްގެ ހުއްދަ ނެތި ޑިއުޓީއަށް ހާޒިރުނުވެ ދެ މަހާއި 20 ދުވަސް ހޭދަކުރުމުން ކަމަށެވެ. އެހެންނަމަވެސް މުހައްމަދު އިސްމާއީލް ބުނެފައިވަނީ ޑިއުޓީއަށް ނުކުންނަން ތަކުރާރުކޮށް މަސައްކަތްކުރި ކަމަށާއި، މަޑުކުރީ ވެރިން އަންގައިގެން ކަމަށެވެ.

މައްސަލަ ބެއްލެވި ގާޒީ އާދަމް ޒާލިފު ކުރެއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރުމުގައި ދައުލަތުން އިޖުރާއީ އަދި މައުލޫއީ އަދުލުވެރިކަން ގާއިމްކޮށްފައިވާކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. ވަޒީފާ ދޭ ފަރާތުން ނިންމާ ނިންމުންތައް އެކަށީގެންވާ އަވަސްމިނެއްގައި އަންގަންޖެހޭނެކަން ފާހަގަކޮށް، 2009 ވަނަ އަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޭނާއަށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ލިބުނު ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ދިނުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އޭގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި އޭނާއަށް ގެއްލިފައިވާ ޕްރޮމޯޝަންތަކުގެ ފުރުސަތުތައްވެސް ފަހިކޮށްދިނުމަށް ކޯޓުގެ ހުކުމުގައި އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.