ޗައިނާއިން މިއަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކަ ހުރަސްކޮށް، އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ މަގާމު އެ ގައުމުން ހޯދައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 100,776 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިއަހަރުގެ ތެރޭގައި އެއް ގައުމަކުން ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ފުރަތަމަ ފަހަރެވެ. މިއާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޖުމްލަ ނިސްބަތުގެ 14.9 އިންސައްތަ މިހާރު ހިއްސާކުރަނީ ޗައިނާއިންނެވެ. ޗައިނާ ފިޔަވައި ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ. އެގޮތުން ދެވަނައިގައި އޮތް ރަޝިއާއިން 85,241 މީހުން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން (ޔޫކޭއިން) 65,669 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ޖުމްލަ 689,264 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ނަމަވެސް މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 696,058 ފަތުރުވެރިންނާ އަޅާބަލާއިރު އެއް އިންސައްތައިގެ ދަށްވުމެކެވެ. މި އަދަދު ދަށްވެފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ