އެމްޑީޕީގެ ތެރޭގައި އުފެދުނު ބޮޑު ހިޔާލުތަފާތުވުންތަކަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ސުލްހަވެވަޑައިގަތުމާއެކު، ޕާޓީގެ އިސް މަގާމުތަކާ ގުޅިގެން އުފެދުނު މައްސަލަތަކަށް ހައްލެއް ލިބިއްޖެއެވެ.
ދެ ރައީސުންގެ މެދުގައި މައްސަލަ ހައްލުވުމާ ގުޅިގެން، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރުމަށް 55 މެމްބަރުންގެ ސޮޔާއެކު ގައުމީ މަޖިލީހަށް ހުށަހެޅި މައްސަލަ މިހާރު ވަނީ އަނބުރާ ނަގަން ނިންމާފައެވެ. އަދި އޭގެ ކުރިން ގަޕޯ މަގާމުން ވަކިކުރެއްވި ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފަށް އަލުން އެ މަގާމުތައް ދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.
އެމްޑީޕީގެ އެތެރޭގައި މި މައްސަލަގަނޑު އުފެދި ހޫނުވީ، އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަފުޅުދައްކަވަން ފުރުސަތު ނުދެއްވި ކަމަށް ބުނެ އުފެދުނު ހިތްހަމަނުޖެހުންތަކެއްގައެވެ. މިކަމާ ގުޅިގެން ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ވަނީ އެ ޖަލްސާ ބޮއިކޮޓްކުރައްވާފައެވެ.
ނަމަވެސް، ނަޝީދަށް ވާހަކަދައްކަވަން ފުރުސަތު ނުދިންކަމަށް ބުނާ ވާހަކަތައް ގަޕޯ ވަނީ ދޮގުކުރައްވާފައެވެ. ގަޕޯ ވިދާޅުވެފައިވަނީ އެ ޖަލްސާއަކީ ކާމިޔާބު ހޯދި ކެންޑިޑޭޓުން ވާހަކަދައްކާ ގޮތަށް އިންތިޒާމުކުރެވިފައި އޮތް ޖަލްސާއެއް ކަމަށާއި، ނަޝީދު ވާހަކަފުޅުދައްކަވަން އެދިވަޑައިގަތުމުން އެކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމަނިކުފާނު ޖަލްސާ ބޮއިކޮޓްކުރެއްވީ ކަމަށެވެ.
މި ހުރިހާ ކޯޅުންތަކަކަށްފަހު، ޕާޓީގެ އެންމެ އިސް ދެ ލީޑަރުންގެ މެދުގައި އޮތް ނުތަނަވަސްކަން ނިމުމަކަށް އައިސްފައިވާކަން ދެބޭފުޅުންވެސް މިހާރު ވަނީ އިއުލާންކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ