އީރާން-އެމެރިކާ އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި

އީރާން-އެމެރިކާ އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި

Author
ޙަސަން މުޙައްމަދު
09 އޭޕްރިލް 2026 02:42
0

އީރާނާއި އެމެރިކާއާ ދެމެދު ވަގުތީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހެދި އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، މި ނިންމުމާ ގުޅިގެން ސަރަހައްދުގައި ހުރި ނުތަނަވަސްކަން ކުޑަވެ، ޑިޕްލޮމަސީ އާއި މަޝްވަރާގެ ތެރެއިން ދާއިމީ ހައްލެއް ހޯދުމަށް ދޮރު ހުޅުވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އިސްރާއީލުން ލުބުނާނަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން ކުރިން މި އެއްބަސްވުން އީރާނުން އުވާލި ނަމަވެސް، އަލުން މިފަދަ ނިންމުމަކަށް ދެ ގައުމު ވާސިލްވުމަކީ ސަރަހައްދީ ހަމަޖެހުމަށް އެޅުނު ހެޔޮ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މި އެއްބަސްވުން ގާއިމްކުރުމުގައި މެދުވެރިކަން ކޮށްދިން ޕާކިސްތާން ސަރުކާރާއި އެހެނިހެން ފަރާތްތަކަށް ރާއްޖެއިން ވަނީ ޝުކުރު އަދާކޮށްފައެވެ. ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ބައިނަލްއަގުވާމީ ވިޔަފާރިއަށް ބޭނުންތެރި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ހިމާޔަތްކުރުމަކީ މިވަގުތު ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނީ، ދުނިޔޭގައި ސުލްހަ އާއި ހަމަޖެހުން ގާއިމްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައު ކުރާ ހުރިހާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ފުރިހަމަ ތާއީދު ލިބޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.