މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާގޮތުގައި އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / ވެށި، އުމުރުން 33 އަހަރުގެ ޙުސައިން ސަމާޙު އާއި ޏ. ފުވައްމުލައް / ހޯދަޑު ވައިގަދަގެ، އުމުރުން 34 އަހަރުގެ ޙަސަން ޖައިލަމް އެވެ. މި ދެމީހުންގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރުމުގެ އިތުރުން އެތަކެތި ބޭނުންކުރާކަމުގެ ތުހުމަތެވެ.
މި މައްސަލައާ ގުޅިގެން އެމީހުން ދުއްވި ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 36 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. އަދި އެވަގުތު އެމީހުން ބޭނުންކުރި ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައިވެއެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި 15 ދުވަހުގެ މުއްދަތަކަށް އެމީހުން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ