ދިވެހިރާއްޖޭގެ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އެ ކޯޓުގައި މިހާރުވެސް މަސައްކަތްކުރައްވާ ތިން ފަނޑިޔާރަކު ކުރިމަތިލައްވައިފިއެވެ.
މި މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު، އިސް ފަނޑިޔާރުކަމަށް އެދިވަޑައިގެންފައިވަނީ މިވަގުތު ވަގުތީގޮތުން ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އާއި، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.
މި ތިން ބޭފުޅުންގެ ތެރެއިން މަގާމަށް އައްޔަންކުރާނެ ވަކި ބޭފުޅަކު ޖޭއެސްސީން އަދި ކަނޑައަޅާފައެއް ނުވެއެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު ހޯދުމުގެ އިތުރުން، ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށްވެސް ކުރިމަތިލުމަށް ޖޭއެސްސީން ވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ އަދަދެއް އަދި ސާފުވެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ