މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި ޒަރިޔަންދު ޕީއެންއެފް އާ ގުޅިވަޑައިގެންފި

މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި ޒަރިޔަންދު ޕީއެންއެފް އާ ގުޅިވަޑައިގެންފި

Author
ޙަސަން މުޙައްމަދު
08 އޭޕްރިލް 2026 01:13
0

މާލޭ ސިޓީގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް އަށް ސޮއިކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޒަރިޔަންދު އެ ޕާޓީއާ ގުޅިވަޑައިގެންނެވި ފޯމު ހަވާލުކުރެއްވީ ސީދާ ރައީސް ޔާމީނާއެވެ. ކުރީގެ މަޝްހޫރު ފުޓުބޯޅަ ކީޕަރު އަދި އޮޑިޓިން އާއި އެކައުންޓިން ދާއިރާގެ ތަޖުރިބާކާރު ޒަރިޔަންދު، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މޭޔަރުކަމަށް ވާދަކުރެއްވީ ވެސް ރައީސް ޔާމީންގެ ތާއީދާއެކުގައެވެ. ފުރަތަމަ ޕީއެންއެފްގެ ޓިކެޓުގައި ނުކުންނަވަން އިއުލާނުކުރެއްވި ނަމަވެސް، ފަހުން އޭނާ ވާދަކުރެއްވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ޒަރިޔަންދަށް 6،302 ވޯޓު ލިބިވަޑައިގަތްއިރު، މޭޔަރުކަމަށް އިންތިހާބުވެވަޑައިގަތީ 13،906 ވޯޓު ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމެވެ. ޕީއެންސީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ލިބިވަޑައިގަތީ 9،380 ވޯޓެވެ. މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ސިޔާސީ މަސައްކަތްތަކެއް ކުރެއްވި ޒަރިޔަންދު ވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނޭޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަންކަން ވެސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.