އިސްރާއީލުގެ އޮފިޝަލުންތަކެއް މުސްލިމުންގެ މުގައްދަސް އަލް-އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަތް މައްސަލަ ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުން، މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ މުޅިން ހިލާފަށް އަދި މިސްކިތުގެ ހުރުމަތާއި ގާނޫނީ ހައިސިއްޔަތު ނަގާލުމުގެ ބޭނުމުގައި ގަސްދުގައި ހިންގި އަމަލެކެވެ. އިސްރާއީލުން ތަކުރާރުކޮށް ހިންގަމުންދާ މިފަދަ އަމަލުތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން، މުޅި ދުނިޔޭގައި ތިބި މުސްލިމުންނަށް ކުރަމުންދާ ވަރަށް ބޮޑު ފުރައްސާރައެއްކަންވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް ބިން ހިމާޔަތްކުރުމަށާއި، އިސްރާއީލުން ހިންގާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކަށް އެ ގައުމު ޒިންމާދާރު ކުރުވުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލާފައެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ އަބަދުވެސް ފަލަސްތީނާއެކު ސާބިތުވެ އޮންނާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ