ފުވައްމުލަކު ދަނޑިމަގު ދާއިރާގެ ވޯޓު އެއްވަރުވެ، އިންތިހާބުގެ ދެވަނަ ބުރަކަށް!

ފުވައްމުލަކު ދަނޑިމަގު ދާއިރާގެ ވޯޓު އެއްވަރުވެ، އިންތިހާބުގެ ދެވަނަ ބުރަކަށް!

Author
ޙަސަން މުޙައްމަދު
07 އޭޕްރިލް 2026 01:59
0

ފުވައްމުލަކު ސިޓީ ކައުންސިލްގެ ދަނޑިމަގު ދާއިރާގެ އަންހެން މެންބަރު ކަމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމުން، އެ ދާއިރާގެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވަގުތީ ނަތީޖާއިން ކުރިން ދެއްކި ގޮތުގައި ދެ ވޯޓުގެ ތަފާތަކުން ކުރީގައި އުޅުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަދި މިހާރު ވެސް އެ ދާއިރާގެ ކައުންސިލަރު އައިޝަތު އަބްދުލް ގާދިރެވެ. ނަމަވެސް ހުރިހާ ފޮއްޓެއް ގުނައި ނިމުނުއިރު އޭނާއާ ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓު ޝީޒާ އިބްރާހިމް އާއި އައިޝަތަށް ވެސް ލިބިވަޑައިގަތީ ހަމަހަމައަށް، 484 ވޯޓެވެ.

މި ދާއިރާގައި 1،306 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، 1،072 މީހުން ވަނީ ވޯޓުލާފައެވެ. މިއީ 82 އިންސައްތައިގެ ވޯޓުލުމެކެވެ. އޭގެ ތެރެއިން ސައްހަ ވޯޓުގެ އަދަދަކީ 968 އެވެ. އަދި 104 ވޯޓު ވަނީ ބާތިލުވެފައެވެ.

އީސީގެ ތަރުޖަމާނު އަދި މެންބަރު އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވީ، ވޯޓާ ގުޅޭ އިތުރު މައްސަލައެއް ނުވަތަ ޝަކުވާއެއް ނެތް ނަމަ ގާނޫނުގައިވާ ގޮތުގެ މަތިން ދެވަނަ ބުރެއް ބާއްވާނެ ކަމަށެވެ. މިއީ މިފަހަރުގެ ކައުންސިލް އިންތިހާބުގައި ވޯޓު އެއްވަރުވެގެން ދެވަނަ ބުރަކަށް ދާން ޖެހުނު ފުރަތަމަ ދާއިރާއެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ފުވައްމުލަކު ސިޓީގެ މޭޔަރުކަން ހިމެނޭހެން އަށް ދާއިރާގެ ތެރެއިން ހަތް ދާއިރާއެއް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ނަމަވެސް ވޯޓު އެއްވަރުވި ދަނޑިމަގު ދާއިރާގެ އަންހެން ގޮނޑިއަށް އެމްޑީޕީން ކެންޑިޑޭޓަކު ނެރެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.